އދ. ދިއްދޫގައި ކުދިން ސުކޫލަށް ކިޔަވަން ނުފޮނުވާ މައްސަލަ ބަލައިދޭން އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް މައްސަލަ ހުށަހަޅައިފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން އަބްދުﷲ "ދުވަސް" އަށް ވިދާޅުވީ ސުކޫލުގައި ފެނާއި ކަރަންޓް ނެތުމުގެ ސަބަބުން ބެލެނެވެރިން އެ މައްސަލަ ހައްލުނުވަނީސް ކުދިން ސުކޫލަށް ފޮނުވަން ބޭނުންނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކަމަކީ މިދިޔަ އަހަރުން ފެށިގެންވެސް ހައްލު ހޯދަން މަސައްކަތްކޮށް ހައްލެއް ނުލިބި ދިޔަ މައްސަލައެއްކަމަށެވެ. އަދި އެކަމާ ބެލެނެވެރިން ހިންހަމަ ނުޖެހޭ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މިކަމަށް މިނިސްޓްރީ އިން ވަނީ ވަރަށް ހަރުކަށި ޖަވާބުތަކެއް ދީފައިކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި މިނިސްޓްރީ އިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން، މި މައްސަލާއި ގުޅިގެން މިހާރު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް "ދުވަސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.
"ދިއްދޫގެ ބައެއް ކުދިން ސްކޫލަށް ނުފޮނުވާ މައްސަލަ ބަލައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެގެ ވަގުތެއްގައި އެދިފައިވޭ،" ފުލުހުން ބުންޏެވެ.
މިނިސްޓްރީ އިން މި މައްސަލައަށް އަވަސް ފިޔަވަޅެއް އެޅުމަށާއި އެ ރަށު ސުކޫލުގެ ފެނާއި ކަރަންޓް ރަގަނޅު ކޮށްދީ، ކުދިން ކިޔެވުމަށް ސުކޫލަށް ގެންދެވޭނެ ގޮތެއް ހެދުމަށް އެ ރަށު ކައުންސިލްގެ ރައީސް ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް