މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މިއަދު އެ ކުންފުނިން ނެރުނު ސާކިއުލާ އެއްގައި ބުނެފައިވަނީ މިދިޔަ އަހަރު އެއްކޮށް ވަޒީފާގައި އުޅުނު ހުރިހާ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށެވެ.
ހަމައެފަދައިން، މިދިޔަ އަހަރުގެ ހަމަސް ދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތް ކުރި ދުވަހުގެ މުއްދަތަށް ބަލައި، ބޯނަސް ދޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެހެންނަމަވެސް، އަހުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކި ކޮށްފައިވާ މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
އަދި އެމްއޭސީއެލް އިން ބުނާގޮތުގައި އެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިންނެވެ.
އެމްއޭސީއެލުން ވަނީ މިދިޔަ އަހަރުވެސް އެ އުސޫލުގެ ދަށުން، 25،000 ރުފިޔާ ބޯނަހުގެ ގޮތުގައި މުވައްޒަފުނަށް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް