އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފި

އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔާގަން ސްޓޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސު...

10 Aug 2023 | 11:48

އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔާގަން ސްޓޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލްއާ ނައިބު ރައީސް ވަނީ އިންޓަރޕޯލްއާއި ދިވެހި ސަރުކާރާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން، މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިންޓަރޕޯލްއިން ފޯރުކޮށްދޭ ތަޖުރިބާއާ ފަންނީ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ހަމައެފަދައިން އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، އިންޓަރޕޯލުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި، އެކި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މެންބަރު ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ދެބޭފުޅުންގެ ވަނީ މަޢުލޫމާތު ޙިއްޞާކުރުމާއި ތަޢުލީމާއި ތަމްރީނުދިނުން ފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ  އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އިންޓަޕޯލް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރީޖަނަލް ޕޮލިސް ޕާޓްނަރޝިޕަށް ހިތްވަރުދެއްވާކަން ފާހަގަކުރައްވާފައިވާ ކަމެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ކުށްމަދުކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޤާނޫނު ތަންފީޛުކުރާ އެހެނިހެން އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އިންޓަޕޯލްއިން ލިބެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް