ރައީސް ދެއްވަދޫ ސްކޫލުގެ އާ އިމާރާތާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ސްކޫލުގެ އާ ޢިމާރާތާއި، ފެނަކަ އާ އޮފީސް ހުޅުއްވައިދެއްވައިފިއެވެ. މިތަންތަން ރައީސް ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަ...

10 Aug 2023 | 11:44

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ސްކޫލުގެ އާ ޢިމާރާތާއި، ފެނަކަ އާ އޮފީސް ހުޅުއްވައިދެއްވައިފިއެވެ.

މިތަންތަން ރައީސް ހުޅުއްވައިދެއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މެންދުރުފަހު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

އިއްޔެ ރައީސް ހުޅުއްވައިދެއްވި ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލުގެ ދެ ބުރީގެ އާ ޢިމާރާތަކީ، ދެ ކުލާސްރޫމާއި، ހެލްތް ރޫމަކާއި ލައިބްރަރީއެއް ހުންނަ ޢިމާރާތެކެވެ. އަދި މިޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ހަމައެފަދައިން، ދެއްވަދޫ ފެނަކަ އާ އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެއް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

އަދި ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާ އޮފީސް ހުރީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން ރައީސް ވަނީ، ދެއްވަދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ، އަޒްރޯވާ ޕައިޕް ފެކްޓަރީ ހުޅުއްވައިދެއްވާފައެވެ.

އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިފެކްޓްރީއަކީ، ފެނާއި ނަރުދަމާ އަދި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ހޮޅި އުފައްދާ ފެކްޓްރީއެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް