ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ ނައިބު ރައީސް ހުޅުއްވައިދެއްވައިފި

ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓ...

10 Aug 2023 | 10:00

ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

މި ލެބޯޓްރީ ހުޅުވައިދެއްވައި ފައިޞަލް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުންކަމުގައެވެ. އަދި މި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެފަދައިން ނައިބު ރައީސް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި އެމަސައްކަތްތަކުން ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަންކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ، މި ހުޅުއްވައިދެއްވި ލެބު ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތިއެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޞިއްޙީދާއިރާގެ ޚިދުމަތްތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް