މާރިޔާގެ ފާޑުކިޔުން ގާސިމާއި ނަޝީދާއި މުއިއްޒުއަށް

ރިޔާސީ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ސްޕޯކްސްޕަރސަން މާރިޔާ ދީދީގެ ފާޑުކިޔުން އިދިކޮޅުގެ ބޮޑެތި ލީޑަރުންނަށް އަމާޒުވެއްޖެއެވެ. މާރިޔާވަނީ ސްޕޯކްސްޕަރސަންގެ ހައިސިއްޔަތުން ފުރަތަމަ ނޫސްވެރިން...

10 Aug 2023 | 07:27

ރިޔާސީ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ސްޕޯކްސްޕަރސަން މާރިޔާ ދީދީގެ ފާޑުކިޔުން އިދިކޮޅުގެ ބޮޑެތި ލީޑަރުންނަށް އަމާޒުވެއްޖެއެވެ.

މާރިޔާވަނީ ސްޕޯކްސްޕަރސަންގެ ހައިސިއްޔަތުން ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ބަސް އަޑުއަހާ ރައްޔިތުންގެ މެނިފެސްޓޯއެއް ހިފައިގެން ވައުދުތައް ފުއްދުމަށް ނުކުމެ އުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

އިދިކޮޅު ލީޑަރުންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނުކުމެ ހުންނެވީ ރައީސް ޔާމީނަށްޓަކައި ކަމެވެ. އެހެންކަމުން ރައްޔިތުން ކޮބައިތޯ މާރިޔާ ސުވާލު އުފެއްދެވިއެވެ.

"އެ ބޭފުޅާގެ ކެނޑިޑެސީ ޔަގީންކުރައްވަން، އެ ހޯއްދެވުމަށްޓަކާ ވަޑައިގެންނެވި ގޮތް ވެސް އަޅުގަނޑުމެން އެންމެންނަށްވެސް ފެނުނު. ރައީސް ޔާމީނު އެކި ގޮތްގޮތަށް ވިދާޅުވެ ހުއްޓާ ހަމަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސެނެޓް ގަނެލައިގެން މުއިއްޒު ކެނޑިޑޭޓް ގޮތުގަ ނުކުމެވަޑައިގެން ހުންނަވާތަން" މާރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން ނުސީދާކޮށް ގާސިމް އިބްރާހީމަށް ބަހުގެ ހަމަލާ ރައްދުކުރައްވަމުން މާރިޔާ ވިދާޅުވީ މަޖިލީހަށް ބަރާބަރަށް ހާޒިރުނުވާ މެމްބަރުން، ރައްޔިތުންގެ މަތިން ހަނދާން ނެތިފައި ހުރުމަށްފަހު ކުއްލިއަކަށް ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަމަށް ކުރިމަތިލެއްވީ ކަމަށެވެ.

އަދި ގާސިމްގެ މެނިފެސްޓޯއިންވެސް ފެނިގެން ދަނީ ވެރިން ގެދޮރުވެރި ކުރުވުން ކަމަށާއި ރައީސްއާއި ނައިބުރައީސްގެ ގެ އަލުން ހައްދަަވައި، ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްދެއްވާ ވާހަކަ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން އާއްމު ރައްޔިތުންގެ ވާހަކަ މާބޮޑަށް ދައްކަވާތަން ފެނިވަޑައި ނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެމްޑިީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައި މާރިޔާ ވިދާޅުވީ ، ނަޝީދު ފެނިވަޑައިގަންނަވަނީ ވަރަށް 'ޑިސްޓްރަކްޓިވް ' ގޮތެއްގައި ކަމަށެވެ. އެގޮތުން އެއްޗެހި ރޫޅާ ވާހަކައާއި ކުއްވެރިން ދޫކުރާ ވާހަކަ ފަދަ ގޮތްގޮތަށް ނަޝީދުގެ ވާހަކަފުޅު ބައްޓަން ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން އެ ހުރިހާ ކަމަކަށް ބަލާއިރުވެސް ރައްޔިތުންގެ އެޖެންޑާގައި ނުކުމެ ތިބީ ހަމައެކަނި އެމްޑީޕީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް