އެފްވައިއެފްސީ 2022 - ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ޑީކޭއެންޒެޑް އަދި ސިކްސް ސެންސް ލާމު

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިރޭ ފެށޭއިރު، މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޑީކޭއެންޒެޑް އާއި ސިކް...

10 Aug 2022 | 11:55

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބް (އެފްއެމްއެސްސީ) އިންތިޒާމުކޮށްގެން ފޮނަދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިރޭ ފެށޭއިރު، މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޑީކޭއެންޒެޑް އާއި ސިކްސް ސެންސް ލާމެވެ.

ޑީކޭއެންޒެޑް އަދި ސިކްސް ސެންސް ލާމު އަކީ ވެސް މި މުބާރާތަށް އައު ދެ ޓީމެއް ނޫނެވެ. މި ދެޓީމުވެސް ވަނީ ކުރިން ބޭއްވުނު ދެ މުބާރާތުގައިވެސް ކުޅެފައެވެ. މިއީ ދެ ޓީމުން ވެސް ވާދަކުރާ ތިންވަނަ މުބާރާތް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ސިކްސް ސެންސް ލާމު

ސިކްސް ސެންސެސް ލާމަކީ ލާމު އަތޮޅުގައި އޮންނަ ސިކްސް ސެންސް ރިސޯޓުގައި މައްސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މައްޗަށް އެކުލެވި ބިނާވެފައިވާ ޓީމެކެވެ. މުޅި ލާމު އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދަކަށް މުވައްޒަފުން ވަޒީފާއަދާކުރަމުން އަންނަ ސިކްސް ސެންސް ލާމަކީ ގިނަ އަދަދަކަށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް ވެސް ތިބި ރިސޯޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މިހާތަނަށް އެފްއެމްއެސްސީ އިން ބޭއްވި ދެ މުބާރާތުގައިވެސް ސިކްސް ސެންސް ލާމުން ވަނީ ވާދަކޮށްފައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު މުބާރާތާއި 2020 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. މި ދެ މުބާރާތުގައިވެސް އެޓީމުން ވަނީ ގުރޫޕު ސްޓޭޖު ފަހަނައަޅާ ގޮސްފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް އެޓީމުން ދަތުރުކުރިއެވެ. ނަމަވެސް އެފަހަރުގެ މުބާރާތުގެ ސެމީއިން އެޓީމުް ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނީ ގޯޅި ސްޕޯޓްސް ކުލަބާއި ވާދަކޮށް ޕެންލަޓީގައި ބަލިވެގެންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ވެސް ސިކްސް ސެންސް ލާމުން ދަތުރުކުރިއެވެ. އެފަހަރު މުބާރާތުގެ ކުއާޓާއިން އެޓީމު ބަލިވީ އައުޓްރީފް އާއި ވާދަކޮށެވެ.

މި ފަހަރު މުބާރާތަކީ ސިކްސް ސެންސް ލާމުން ވާދަކުރާ ތިންވަނަ މުބާރާތެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު، ސިކްސް ސެންސް ލާމުން އޮތީ ދުރާލާ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ވޭތުވެ ދިޔަ ދެ މުބާރާތާއި ޚިލާފަށް މިފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބަކާއި ހަމައަށް ދަތުރުކުރުމަކީ އެޓީމުގެ އެންމެ ބޮޑު އަމާޒެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ އިމްތިހާނާއި މިރޭ ކުރިމަތިލާއިރު، ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރީ ހާލަތަކަށް ގެނެސްފައި ކަމަށް ސިކްސް ސެންސް ލާމުގެ ކޯޗު ލިރުޣާމް ސައީދު(ލަރޭ) ވަނީ ބުނެފައެވެ.

ޓީމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ލިރުޣާމް ސައީދު (ލަރޭ) ބުނީ ކުރީ މުބާރާތްތަކާއި ޚިލާފަށް މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ ވަރަށް އުންމީދާއި އެކުގައި ކަމަށެވެ. އެގޮތުން މިފަހަރުގެ މުބާރާތަށް ޓީމު ބިނާކޮށްފައިވަނީ މަޝްހޫރު ބްރޭންޑަކަށް ނުވިނަމަވެސް ރާއްޖޭގެ ފެންވަރުން ހުނަރުވެރި ކުޅުންތެރިން ހިމަނައިގެން ކަމަށް އޭނާ ބުންޏެވެ. ލަރޭ ބުނީ އޭނާގެ ޓީމު ޖެހިލުންވާވަރުގެ އެއްވެސް ޓީމެއް މި މުބާރާތުގައި ވާދަ ނުކުރާނެ ކަމަށާއި އަދި ބަލިނުކުރެވޭނެ ފެންވަރުގެ ޓީމެއްވެސް ނެތްކަމަށެވެ. ކޮންމެ މެޗަކަށް ވެސް ކުރިމަތިލާނީ ވަރަށް އިތުބާރާއި އެކު ރަނގަޅު ނަތީޖާއެއް ނެރެ މޮޅުވަން ކަމަށް ލަރޭ ބުންޏެވެ.

" މިފަހަރުގެ ޓީމަކީ އެހެން ފަހަރުތަކާއި ޚިލާފަށް ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް. ﷲ އިރާދަކުރެއްވިއްޔާ ކުޅޭ ކޮންމެ މެޗަކުން ވެސް ރަނގަޅު ނަތީޖާއެއް ނެރޭނަން. ޖެހިލުންވާ އަދި ބަލި ނުކުރެވޭނެ ފެންވަރުގެ އެއްވެސް ޓީމެއް މިފަހަރުގެ މި މުބާރާތުގަ އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އިރާދަކުރެއްވިއްޔާ ކުރިމަތިލާ ކޮންމެ ޓީމެއްވެސް ބަލިކުރާހާ ފެންވަރު ސިކްސް ސެންސް ލާމު ޓީމުގައި އެބަހުރި." ދުވަސްއާއި ވާހަކަ ދައްކަމުން ލަރޭ ބުންޏެވެ.

އަދި މީގެ އިތުރުން ލަރޭ ބުނީ ސިކްސް ސެންސްގެ މެނޭޖުމަންޓަކީ މުވައްޒަފުންނަށް ކުޅިވަރުގައާއި އެހެނިހެން ކަންކަމުގައި ވަރަށް ބޮޑަށް އެއްބާރުލުން ދިނުމުގެ އިތުރުން މުވައްޒަފުންނަށް ހެޔޮ އަދި ލާމަސީލު ނަމޫނާ ވެރިންތަކެއް ތިބި ތަނެއް ކަމަށެވެ. އެހެންކަމުން މި ފުރުޞަތުގައި ސިކްސް ސެންސް ލާމުގެ މެނޭޖުމަންޓަށް ވަރަށް ޚާޞަ ޝުކުރެއް އަދާކުރާ ކަމަށް ؛ލަރޭ ބުންޏެވެ.

ޑީކޭއެންޒެޑް

މި ޓީމަކީ ވެސް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އެކުލެވިގެންވާ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. ކުރިން އެފެއެމްއެސްސީން ބޭއްވި ދެ މުބާރާތުގައިވެސް ވާދަކޮށްފައިވާ ޑީކޭއެންޒެޑް ޓީމަކީ މި މުބާރާތުގައި މިހާތަނަށް މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައިވާ ޓީމެއް ނޫނެވެ. ނަމަވެސް ކުރީގެ މުބާރާތް ތަކާއި ޚިލާފަށް މިފަހަރުގެ މުބާރާތައް އެޓީމުން ނިކުންނާނީ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ވަރުގަދަ އަޒުމުގައެވެ. ކުޅޭ ކޮންމެ މެޗަކުން މޮޅުވެ، މުބާރާތުގެ ތަށި އުފުލާލުމަކީ ހަމަ ކޮންމެ ޓީމެއްގެ ވެސް އުންމީދުކަމަށް ވާއިރު، ޑީކޭއެންޒެޑްގެ ވެސް އުންމީދަކަށް ވާނީ މުބާރާތުގެ ތަށި އުފުލާލުމެވެ.

ޑީކޭއެންޒެޑް މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު، ޓީމުގައި އެއް ފެންވަރެއްގެ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އެބަތިބިކަން ފާހަގަކޮށްލަން ޖެހެއެވެ. އިދިކޮޅު ޓީމުތަކުން ޖެހިލުންވާ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް ޓީމުގައި ތިބިއިރު، މި ކުޅުންތެރިންގެ ފުރަތަމަ އިމްތިހާނާ މިރޭ ކުރިމަތިލާނެއެވެ. މުބާރާތުގެ ހުރިހާ މެޗަކީ ވެސް މުހިންމު މެޗަކަށް ވާއިރު، މިރޭގެ މެޗު ކާމިޔާބު ކުރުމަކީ ޑީކޭއެންޒެޑްގެ އެންމެ ބޮޑު އުންމީދައްވާނެ ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

މުބާރާތުގެ ފުރަތަމަ މެޗަށް މިރޭ ނިކުންނައިރު، އެޓީމުން ކުރިމަތިލާން ޖެހެނީ ނިސްބަތުން ވަރަށް ވަރުގަދަ ޓީމަކާއެވެ. އެއީ ސިކްސް ސެންސް ލާމެވެ. މި ޓީމަކީ މި މުބާރާތުގައި އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާ ލެވޭ ޓީމަކަށް ވާއިރު، ޑީކޭއެންޒެޑުން ވެސް މިރޭގެ މެޗަށް ނިކުންނާނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއި އެކުގައި ކަމަށް ބެލެވެއެވެ.

މިރޭގެ މެޗަށް ނިކުތުމުގެ ކުރިން ޓީމުން ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑީކޭއެންޒެޑްގެ އެސިސްޓެންޓް ކޯޗު ހުސެއިން ރިޒާ ބުނީ މިރޭގެ މެޗު ވަރަށް ޓަފްވާނެ ކަމަށާއި، އެގޮތުން މިރޭގެ މެޗު ކާމިޔާބު ކުރުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ރިޒާ އިތުރަށް ބުނީ ކޮންމެ މެޗަކަށްވެސް ނިކުންނާނީ މޮޅުވުމުގެ ޔަގީންކަމާއި އެކުގައި ކަމަށާއި އެ ޓީމާއި ނުކުންނަ ކޮންމެ ޓީމެއްވެސް ބަލިކުރުމުގެ ފެންވަރު ޓީމުގައި އެބަހުރިކަމަށެވެ. އަދި ޖެހިލުންވާ ވަރުގެ އެއްވެސް ޓީމެއް މި މުބާރާތުގައި ނެތް ކަމަށްވެސް ރިޒާވަނީ ބުނެފައެވެ.

" އަހަރެމެންނަށް އެނގޭ މިރޭގެ މެޗު ވަރަށް ޓަފްވާނެކަން. އެހެންވެ ވަރަށް ބޮޑަށް އެ މެޗަށް ތައްޔާރުވަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިރޭގެ މެޗުން މޮޅުވާނަން. ކުޅޭ އެއްވެސް މެޗަކުން ބަލިނުވެ ނިންމާލާހާ ފެންވަރު ޓީމުގައި އެބަހުރި. އަހަރެމެން ޖެހިލުންވާވަރުގެ އެއްވެސް ޓީމެއް މި މުބާރާތުގައި ނެތް." ދުވަސްއާއި ވާހަކަ ދައްކަމުން ރިޒާ ބުންޏެވެ.

ޑީކޭއެންޒެޑް އަދި ސިކްސް ސެންސް ލާމު ބައްދަލުކުރާ ފޯރިގަދަ މި މެޗު ފެށޭނީ މިރޭ 9:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް