މުޅި ރާއްޖޭގައި ޕޮލިސް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ އަޅައިފި

މުޅި ރާއްޖޭގައި ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ. ޕޮލިސް އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މާލެ އަތޮޅު ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވ...

10 Aug 2022 | 10:50

މުޅި ރާއްޖޭގައި ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

ޕޮލިސް އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މާލެ އަތޮޅު ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

އެ މަޝްރޫޢުގެ ދަށުން ރަށްރަށާއި އަތޮޅު ޕޮލިސް ސްޓޭޝަން، ޑިވިޜަނަލް ހެޑްކުއާޓަރ، ޕޮލިސް ޕޯސްޓް އަދި ޑިޓެންޝަން ފެސިލިޓީ ހިމެނޭ ގޮތަށް 61 ފެސިލިޓީއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

އެ މަޝްރޫއުގެ ޑިޒައިނާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ފުލުހުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ އެވެ. އެއީ މިދިޔަ ޖުލައި މަހުއެވެ.

ހޯމް މިނިސްޓްރީން ބުނީ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަކީ އެ މަޝްރޫއުގެ މަގުސަދު ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިންނަށް ވެސް ލުއިފަސޭހައާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފުލުހުންގެ ވަސީލަތްތައް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ހުރިހާ ކަސްޓޯޑިއަލް ފެސިލިޓީއަކަށް ބޭނުންވާ ބައިނަލްއަޤްވާމީ މިންގަނޑުތައް ހިފެހެއްޓުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ބަޔަރސް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ 41 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އެ މަޝްރޫއު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މި އަހަރުގެ މާރޗު މަހު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ޒިޔާރާތެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ ދައުވަތުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެގައުމަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު، ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް