"ޕާސްކަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022" މިރޭ ފަށަނީ

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ “ޕާސްކަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022” މިރޭ ފަށާނެއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ އަށެއް ޖަހާއިރު ރަސްމިއްޔާތެއް ބާއްވާ...

10 Aug 2022 | 05:55

ލާމު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ “ޕާސްކަލް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022” މިރޭ ފަށާނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ އަށެއް ޖަހާއިރު ރަސްމިއްޔާތެއް ބާއްވާއިރު މުބާރާތުގެ ފުރަތަމަ މެޗު ފަށާނީ 9:00 ގަ އެވެ. އަދި އިތުރު މެޗެއްވެސް މިރޭ ކުޅެން ހަމަޖެހިފައިވާއިރު، އެ މެޗު ފަށާނީ މިރޭ 10:00 ގައެވެ.

މި މުބާރާތުގައި ޖުމުލަ 16 ޓީމު ބައިވެރިވެފައިވާއިރު، ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ. އެގޮތުން ގުރޫޕު ސްޓޭޖުގެ މެޗުތަކަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ހޮވޭނީ ކުއާޓާ ފައިނަލަށެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައިވަނީ ފޮނަދޫ ރަސްމީ ޓާފް ފުޓްސަލް ދަނޑުގައެވެ.

ގުރޫޕުތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، ގްރޫޕް އޭގައި ހިމެނެނީ ޑީކޭއެންޒެޑް، ސިކްސް ސެންސް ލާމު، ގޯޅި ޔޫތް އެކްސް އަދި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ހަފެލެ އެފްސީ، ކަންމަތި އެސްސީ، އިސްދޫ ކައުންސިލް އަދި އެލްވައިޑީ އެވެ. ގްރޫޕް ސީގައި ހިމެނެނީ ކުރިގަމް ޔުނައިޓެޑް، ލެކްރޮސް އެސްސީ، މުންޑޫ ޒުވާނުންގެ ޖަމިއްޔާ އަދި އައުޓްރީފް އެސްސީ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ކަންމަތި އެފްސީ، އައުޓްރީފް އެފްސީ، ފިލިއޮސް އެފްސީ އަދި ނެވަ ގިވަޕް އެސްސީ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ޑީކޭއެންޒެޑާއި ސިކްސްސެންސް ލާމު އެވެ. ދެ ވަނަ މެޗުގައި ކުޅޭނީ ގުރޫޕް ބީގައި ހިމެނޭ ހަފެލެ އެފްސީ އާއި ކަންމަތި އެސްސީއެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މުބާރާތް އިންތިޒާމު ކުރާ އެފްއެމްއެސްސީ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރި އެންމެ ބޮޑު މަސައްކަތަކީ ޓާފް ފުޓްސަލް ދަނޑު ފުރިހަމަ ކުރުމުގެ ގޮތުން ދަނޑުގައި ރަބަރު އެޅުމާއި ވަށައިގެން ސާފުކުރުމުގެ މަސައްކަތުގެ އިތުރުން ދަނޑުގައި ވަށައިގެން ސްޕޮންސަރ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ގްރޫޕުން ބުނީ ގިނަ ބައެއްގެ އެއްބާރުލުމާއެކު މިހާރު ދަނޑުގެ ހުރިހާ ތައްޔާރީތަކެއް ނިންމާލާފައިވާކަމަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިމަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަނަޖެހިފައިވާއިރު، ސެމީ ފައިނަލްގެ މެޗުތައް ކުޅެން ހަމަ ޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަަހުގެ 19 ވަނަ ދުވަހުގެ ރޭ ގައެވެ.

ކޮންމެ އަހަރަކުވެސް ބޭއްވުމަށް ތާވަލް ކޮށްފައިވާ މި އަހަރުގެ މި މުބާރާތަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ ތިންވަނަ ފުޓްސަލް މުބާރާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު މި މުބާރާތް ބޭއްވުމަށް ފަހު ޖެހިގެން އައި 2021 ވަނަ އަހަރު މި މުބާރާތުގެ ތިންވަނަ އެޑިޝަނެށް ބޭއްވުމަށް ނިންމި ނަމަވެސް އޭރު ރާއްޖޭގައި ފެތުރެމުން އައި ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުބާރާތް ވަނީ 2022 ވަނަ އަހަރަށް ފަސްކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިން ފެންނަ މި މުބާރާތަކީ ފޮނަދޫގެ އިތުރުން މުޅި ލާމު އަތޮޅުގައިވެސް ބާއްވަމުން އަންނަ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕާސްކަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް ހިމެނެއެވެ. މުބާރާތުގެ ލައިވް ޕާޓްނަރ އަކީ "ލީޕް ކާސްޓް" އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ "ދުވަސް" އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ ސާލިހާ ސްޓޫޑިއޯއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ. އަދި ބެވަރެޖް ޕާޓްނަރ އަކީ ފޮނަދޫ "ބީޗް ސްޕޮޓް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް