ތަޢުލީމުގެ ގާނޫނަށް ޢަމަލުކުރަން ފަށައިފި، މިއީ ރާއްޖޭގައި މިފަދަ ގާނޫނެއް ތަންފީޒު ކުރާ ފުރަތަމަ ފަހަރު

ރާއްޖޭގައި ތަންފީޒު ކުރެވޭ އެންމެ ފުރަތަމަ ތަޢުލީމުގެ ގާނޫނަށް ޢަމަލުކުރަން ފަށައިފި އެވެ. މިއަދު މި ގާނޫނަށް ޢަމަލު ކުރަންފެށުމުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާމެދު ތަޢުލީމީ ދާއިރާގެ ފަރާތްތ...

10 Aug 2021 | 16:48

ރާއްޖޭގައި ތަންފީޒު ކުރެވޭ އެންމެ ފުރަތަމަ ތަޢުލީމުގެ ގާނޫނަށް ޢަމަލުކުރަން ފަށައިފި އެވެ.

މިއަދު މި ގާނޫނަށް ޢަމަލު ކުރަންފެށުމުން މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާމެދު ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށާއި މި ގާނޫނުގެ ހާޑްކޮޕީ ނެރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފަ އެވެ.

މި ކޮޕީ ނެރެދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ. މި ހަފްލާގައި ރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

https://twitter.com/MoEdumv/status/1424997083065454592

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމާއި، ދިވެހި އިސްލާމީ މުޖުތަމަޢަށް ފެތޭ ރައްޔިތުންގެ އިތުބާރު ލިބޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުން ހިމެނެ އެވެ.

މިގާނޫނުގެ ދަށުން ކަނޑައެޅޭ ތަޢުލީމީ ސިޔާސަތު ތަކުގެތެރެއިން ރައްކާތެރި އަދި އަމާން މާޙައުލެއް ސްކޫލްތަކުގައި ޤާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ މަސްއޫލިއްޔަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް