މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ: ސަބްރާ

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައ...

10 Aug 2021 | 15:43

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިނގިރޭސި ސަރުކާރުން އޭޝިއާ ޕެސިފިކް ސަރަޙައްދާއި ދެކުނު އޭޝިއާ ސަރަޙައްދުގެ ކޮޕް26 ގެ ސަރަޙައްދީ އެމްބެސެޑަރަކަށް ކަނޑައާފައި ހުންނަވާ މިސްޓަރ ކެން އޯ ފްލަހަޓީއާ ބައްދަލުކުރައްވާ މިއަދު ކުރެއްވެވި މަޝްވަރާގަ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެކަމަށް ޓެކްނޯލޮޖީގެ ގޮތުންނާއި މާލީގޮތުން އެހީތެރިކަން ލިބުމަކީ ރާއްޖެ ފަދަ ޤައުމުތަކަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ޞަބްރާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި 2030 ވަނަ އަހަރު ދިވެހިރާއްޖެ ނެޓް-ޒީރޯ ޤައުމަކަށް ހެދުމަށް އަމާޒު ކަނޑައަޅާފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހަމަމިއާއެކު ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދިއުން ކޮންޓްރޯލުކުރުމުގައި، ހަމައެކަނި ރާއްޖެއިން ކުރާ މަސައްކަތުން އެކަނި ނުފުދޭނެކަން ވެސް މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގެ ބައިވެރިން ވަނީ، ކުރިޔަށްއޮތް ނޮވެންބަރު މަހު، އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް26 ގެ ބައްދަލުވުމަށް ކަންކަން މަގުފަހިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކުރައްވާފަ އެވެ. އަދި، އެންމެފަހުން އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދަ އެދެވޭ ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޢަމަލީގޮތުން މަސައްކަތް ފެށުމުގެ މުހިންމުކަން މި ބައްދަވުމުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކޮޕް26ގެ ބަދަލުވުމުގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވޭނެކަމުގެ އުންމީދު އައު ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާއާއި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ކެރޮން ރޮސްލަރ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް