ޖުލައި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 624.07 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
އެ އޮތޯރިޓީން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.2% ދަށް އަދަދެއް ކަމަށެވެ. ނަމަވެސް، މިއަހަރުގެ ޖުލައި ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 13.6% އިތުރު އަދަދެއް ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ ޖުލައި ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޢީދު ބަންދު ދުވަސްތަކުގެ ސަބަބުން، ޖުލައި މަހުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް އޮގަސްޓު މަހަށް ފަސްކޮށްފައިވުން ކަމަށް މީރާ އިން ބުނެ އެވެ.
މީގެ އިތުރުން ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖުލައި 2021 ގައި އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ލޭންޑް ސޭލްސް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަމަށް ވެސް މީރާއިން ބުނެއެވެ. އަދި 2020 ވަނަ އަހަރުގެ ޖުލައި މަހުގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، ޖުލައި 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް ވެސް މީރާއިން ފާހަގަކުރެ އެވެ.
މި ފީ މި3އަހަރުގެ ޖުލައި މަހު ލިބިފައެއް ނުވެއެވެ.
ޖުލައި 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 291.59 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި 111.90 މިލިއަން ރުފިޔާ ޓޫރިޒަމް ލޭންޑް ރެންޓުން ނެވެ.
މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 109.64 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 28.19 މިލިއަން ރުފިޔާ، ވޯކް ޕަރމިޓް ފީގެ ގޮތުގައި 25.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 56.82 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިއަހަރުގެ ޖުލައި މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް