ރަނގަޅު ދަރިންތަކެއް އުފެއްދުމަށް މުޖުތަމަޢުގެ ރޯލު މުހިންމު: ނައިބު ރައީސް

ރަނގަޅު ދަރިންތަކެއް އުފެއްދުމުގައި މުޅިމުތަމަޢުގެ މުހިންމު ރޯލު އޮތްކަން ދެނެގަނެ، މުޖުތަމަޢުގެ ހުރިހާ އަފުރާދުން އެކަމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނ...

10 Aug 2021 | 10:15

ރަނގަޅު ދަރިންތަކެއް އުފެއްދުމުގައި މުޅިމުތަމަޢުގެ މުހިންމު ރޯލު އޮތްކަން ދެނެގަނެ، މުޖުތަމަޢުގެ ހުރިހާ އަފުރާދުން އެކަމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އެދިވަޑައިގެންނެވީ ދިރާސީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމަށް ފައިދާހުރި މަސައްކަތްތެރި ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ ޒިންމާ ފާހަގަކުރައްވައި، ސްކޫލު ނިންމާ ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބައްޓަންކުރުމަށް ޚާއްޞަކޮށް ބެލެނިވެރިންނާއި ޓީޗަރުން ކެނޑިނޭޅި މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ޕެންޑަމިކްގެ ދަތި ހާލަތުގެ ސަބަބުން އެންމެބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވައި، އެ ދަތި ހާލަތުގައި ވެސް ޚާއްޞަކޮށް ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ހިންގުންތެރިން، ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރެއްވި ބުރަ މަސައްކަތްތަކަކީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

ހަމަ އެހެންމެ މިހާރު ޢާންމު ހާލަތާއި އެގޮތަށް ހުރިހާ ކަމަކަށް ފުރުޞަތުތައް ފަހިވަމުންދާއިރު މި ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ފާއިތުވެ ދިޔަތަން އަލުން ހޯދުމަށްވެސް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ.

އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާގެ މީހުންގެ މުސާރައާ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލް މަދަރުސާތަކުގެ ޖުމްލަ 92,936 ދަރިވަރުންނާ އެކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް