ރާއްޖޭގެ 97 ޕަސެންޓު ރަށްތަކުގެ ގޮނޑުދޮށްތައް ގިރާލަމުންދާކަމަށް ޝައުނާ ވިދާޅުވެއްޖެ

ރާއްޖޭގެ 97 އިންސައްތަ ރަށްތަކުގެ ގޮނޑުދޮށްތައް ގިރާލަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މޫސުމީ ބަ...

10 Aug 2021 | 09:48

ރާއްޖޭގެ 97 އިންސައްތަ ރަށްތަކުގެ ގޮނޑުދޮށްތައް ގިރާލަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށްކުރާ އެކި ކަހަލަ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކާ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ވަޞީލަތްތަކުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

އެކަނަމާ މިހެން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކާ ބަޔާންކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިރާސާކުރާ އެންމެ ތަޖުރިބާކާރު ސައިންޓިސްޓުން ހިމެނޭ، ބައިނަލްއަޤްވާމީ ޖަމިއްޔާ ކަމުގައިވާ، އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް، އައި.ޕީ.ސީ.ސީން ނެރުނު ރިޕޯޓަކާގުޅިގެން ސީ.އެން.އެންއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން އެކަމުގެ ނުރައްކާ އޮތީކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަނި ނޫންކަމަށާއި، ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން އިޤްތިޞާދީ ހުރިހާ ސިނާޢަތްތަކަކަށްހެން މިކަމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ އެކިކަހަލަ ގެއްލުންތަކުގެ މައްޗަށްވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އަހަރަކު %90 ރަށްތަކަށް އުދައެރުމާއި ފެންބޮޑުވުންފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހޭކަމަށާއި، %97 ރަށްތަކުގެ ގޮނޑުދޮށްތައް ގިރާލަމުންދާކަމަށެވެ. އަދި %64 ރަށްތައް ވަރަށް ބޮޑަށް ގިރާލަމުންދާކަމަށާއި، އަދި ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްހެން ކުރިމަތިވެފައިވާ މައްސަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރާއްޖޭގައި ރަށްރަށުގައި އިމާރަތްކޮށްފައިވާ ގޯތި ގެދޮރުގެ ގާތްގަނޑަކަށް %50 އަކީ މޫދާއި ގާތްގަނޑަކަށް 100 މީޓަރެއްހާ ކައިރީގައި އިމާރާތްކުރެވިފައިވާ ތަންތަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް