ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް 272 މީހަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލްތަކަށް 200 އެސްޖީން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 511 މީހުން ކުރިމަތިލާފައިވެ އެވެ.
އެއީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހަކާއި އަތޮޅު ކައުންސިލްގެ އެސްޖީ ކަމަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެކެވެ.
މީގެ ތެރެއިން ޝޯޓްލިސްޓު ކުރި 272 މީހެއްގެ އިމްތިހާނު މިހާރު ވަނީ ނިމިފަ އެވެ. މިދިޔަ އާދިއްތަ ދުވަހު މި އިމްތިހާނު ބޭއްވި ވަރޗުއަލްކޮށެވެ. އަދި މި އިމްތިހާނަށް ފަހު ދެން އޮންނަނީ އިންޓަވިއުގެ މަރުހަލާ އެވެ.
އެ މަގާމަށް މީހުން އައްޔަން ކުރާނީ އަންނަ ސެޕްޓެމްބަރ މަހު އެވެ. ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.
ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ދޭން ވަނީ ނިންމައިފަ އެވެ.
ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް