އެލާގެ ބަދަލުގައި ފެންފުށީ ފަޅު ހޯދަން ގާސިމް ހުށަހަޅުއްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި، ރިސޯޓު ހެދުމަށް އދ. ފެންފުށީ ފަޅު ދޭން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އ...

10 Aug 2021 | 09:23

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި، ރިސޯޓު ހެދުމަށް އދ. ފެންފުށީ ފަޅު ދޭން ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްރާހިމް ސަރުކާރުގައި އެދިވަޑައިގެންފި އެވެ.

ޤާސިމް ސޮއިކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް މިިދިޔަ ހޮނިހިރު ދުވަހު ފޮނުއްވި ސިޓީގައި ވާ ގޮތުން، އެލާގެ ބަދަލުގައި އެ ކުންފުނިން ބޭނުންވާ ރަށްތަކެއްގެ ލިސްޓު ފޮނުވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރިން އަންގައިފަ އެވެ.

އެހެންވެ، ޓޫރިޒަމް މިނިސްޓަރަށް ގާސިމް ފޮނުއްވި ސިޓީގައި ފުރަތަމަ އެދިވަޑައިގެންފައި ވަނީ ތ. ކަނިމީދު އާއި ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެ ރަށް ވެސް ވިލާ އަށް ލިބެން ނެތުމުން ގާސިމް ދެން އެދިވަޑައިގެންފައި ވަނީ އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ހެދުމަށެވެ.

އެފަޅު އޮންނަނީ ވިލާ ޤާސިމްގެ ސަން އައިލެންޑް ރިސޯޓާއި އުފަން ރަށް އދ. މާމިގިއްޔާ ވަރަށް ކައިރީގަ އެވެ.

ފެންފުށީ ފަޅުގައި ރިސޯޓެއް ހެދުމަށް އަށް އަހަރުގެ މުއްދަތެއް ދިނުމަށް ވިލާ އިން ވަނީ އެދިފައި ވެ އެވެ. އަދި އެ ފަޅު ދިނުމަށް އެދިފައި ވަނީ 99 އަހަރަށެވެ.

ރިސޯޓު ހެދުމަށް މިހާ ދިގު މުއްދަތެއް ދޭން އެދުނީ ތ. އެލާގައި ރިސޯޓެއް ހެދުމަށް ވުރެ، ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެތީ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް