ދިރާސީ އާ އަހަރުގެ ފެށުން: ހިރިމަރަދޫ ސްކޫލްގެ އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރުނުވޭ!

2021/2022 ވަނަ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހދ. ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިން އެދެމުން އަންނަ ގިނަ ކަންތައްތަކެއް އެ ސްކޫލުން ފުރިހަމަކޮށްދީފައި ނުވާ ކަމަށް ބުނެ އެއްވެސް ދަރިވަރަކު...

10 Aug 2021 | 09:10

2021/2022 ވަނަ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހދ. ހިރިމަރަދޫ ސްކޫލްގެ ބެލެނިވެރިން އެދެމުން އަންނަ ގިނަ ކަންތައްތަކެއް އެ ސްކޫލުން ފުރިހަމަކޮށްދީފައި ނުވާ ކަމަށް ބުނެ އެއްވެސް ދަރިވަރަކު މިއަދު ސްކޫލަށް ނުފޮނުވާތީ، އެއްވެސް ދަރިވަރަކު ކުލާސްތަކަށް ހާޒިރު ނުވާ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނުފޮނުވީ އެ ސްކޫލްގައި ރަނގަޅު ނަތީޖާއެއް މިހާތަނަށް ނެރެދެވިފައި ނުވާ ގިނަ ދުވަސްވީ ޓީޗަރުން ބަދަލުކޮށްދޭން ބެލެނިވެރިން އެދުމުން ވެސް، އެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އިޖާބަދީފައި ނުވާތީ އެވެ.

ގުރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަ އެ ސްކޫލްގައި 8-12 އަހަރުވީ ޓީޗަރުން ތިބިއިރު، ގިނައީ ބިދޭސީ ޓީޗަރުން ނެވެ. މި ޓީޗަރުން ބަދަލުކޮށްދޭން ބެލެނިވެރިން އެދުމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

މިހާރު 64 ދަރިވަރުން ކިޔަވަމުން އަންނަ، އެ ސްކޫލްގެ ބެލެނިވެރިންގެ ހުރި އިތުރު ކަންބޮޑުވުންތަކުގެ ތެރޭގައި ސްކޫލް އަލުން ހުޅުވަން އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވުމާއި ސްކޫލް އިމާރާތުގެ އާބާތުރަ ފިލުވަން ވެސް އެއްވެސް ކަމެއް ކޮށްފައި ނުވުމުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަނުވުން ވެސް ހިމެނެ އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާއާ މެދު ވެސް ބެލެނިވެރިން ތިބީ ނުރުހުންވެފަ އެވެ.

މިކަމާއި ގުޅިގެން އެ ސްކޫލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް