ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުން ކުރާ "މޮނިކޮން ޓެގް" ނެތޭ ބުނުމަކީ ހިނި އަންނަ ވަރުގެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޢުމަރު ނަސީރު މިހެން ވިދާޅުވީ ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުން ކުރާ ޓެގް ހުސްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދިފަހުން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަ އެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ "މޭ ހައެއް" ކޮމިޓީ އަށް މައުލޫމާތު ދެމުންނެވެ.
ޓެގް ހުސްވެފައިވީ ނަމަވެސް މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތައް މޮނީޓަރ ކުރަމުންދާ ކަމަށާއި ޓެގް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ އިމްރާން ވަނީ ކޮމިޓީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފަ އެވެ.
"ދިވެހި ޗެނަލް"ގެ ޕްރޮގްރާމެއްގައި އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރު ކަމުން ވަކިވީ ވަސީލަތްތައް ގާއިމުކޮށްފައި ކަމަށާއި ޓެގާއި، ޖޭމަރު ވެސް އެތަނުގައި ހުންނާނެ ކަމަށެވެ. އަދި އެ ތަކެތި ނެތް ކަމަށްވާނަމަ އެ ބޭފުޅުން އެ ތަކެތި ވިއްކާލީ ކަމަށާއި އޭނާ ވަޒީރުކަމުން އިސްތިއުފާ ދީފައި ނިކުތީ އެ ވަސީލަތްތައް ގާއިމުކޮށްފައި ކަމަށް އުމަރު ވިދާޅުވި އެވެ.
"މިއަދު ޓެގެއް ނެތޭ ބުނީމަ އެއީ ހިނި އަންނަ ކަމެއް އެކަމަކީ" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށުމުން އެމްޑީޕީގެ ބައެއް ފަރާތްތަކުން މަލާމަތްކުރި ކަމަށާއި ނަމަވެސް މިއަދު މުޅި ދުނިޔޭގެ ކްރިމިނަލް ސިސްޓަމް ދަނީ ޓެގަށް ބަދަލުކުރަމުން ކަމަށް އުމަރު ވިދާޅުވި އެވެ.
އެގޮތުން މިއަދުގެ ކަންކަން ކުރެވޭނީ މިއަދުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުށްތަކާއި ދެކޮޅަށް މަސައްކަތް ކުރަން މިނިސްޓަރު އިމްރާނަށް ވެސް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް