ފުލުހުންގެ އިދާރާގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކި ކުރަނީ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒުން ކަމަށެވެ. އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން އެކަން ސިފަކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ފުލުހުންގެ އާ ގާނޫނެއް އެކުލަވާލާ އެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑެއް އުފެއްދި ނަމަވެސް އެއީ އެމްޑީޕީގެ ސިޔާސީ މުހުތާދުތަކެއް ފުއްދުމުގެ ބޭނުމުގައި އުފެއްދި ބޯޑެއް ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެ އެވެ. ބަޔާނުގައި ބުނީ ޕޮލިސް ބޯޑަކީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފުލުހުންގެ މުއައްސަސާއާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެ މުއައްސަސާގެ އިސް ވެރިންތަކެއް ވަކި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކެވި ކަން އެނގެން އެބައޮތް ކަމަށެވެ. އަދި ނަޝީދާއި ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ހުންނަވައިގެން ކުރަމުން ގެންދާ މަސައްކަތަކީ ބަދަލު ހިފުން ކަމުގައި ބެލެވޭ ކަމުގައިވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލައި އެމުއައްސަސާ ސިޔާސީ ކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ފަހުން ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވައި، މިހާޜު އަލުން ވެރިކަމަށް އާދެވުމުން އެމްޑީޕީން ކުރާ ކަމަކީ ވެރިކަން ބަދަލުވުން ފުލުހުންނާއި ސިފައިންނާއި މަތިކޮށް ބަދަލު ހިފުން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް