ޕޮލިޓިކަލް ޕާޓީގެ ސަބަބުން ރާއްޖެއަށް ލިބުނީ ގެއްލުން: ޢުމަރު ނަސީރު

ޕާޓީ ސިސްޓަމުން ރާއްޖެއަށް ދިން ގެއްލުން މިއޮތީ ފެންނަން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ މީގެ ...

10 Aug 2021 | 06:15

ޕާޓީ ސިސްޓަމުން ރާއްޖެއަށް ދިން ގެއްލުން މިއޮތީ ފެންނަން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢުމަރު ވިދާޅުވީ މީގެ 15 އަހަރު ކުރިން އޭނާ ވެސް ސިޔާސީ ޕާޓީއެއް އުފެއްދި ކަމަށާއި އެ ޕާޓީގައި 5،000 މީހުން ތިބި ކަމަށެވެ. އަދި މިހާރު ޕާޓީއެއް އުފައްދައިފި ނަމަ 10،000 މީހުން ވެސް ތިބޭނެ ކަމަށެވެ.

ނަމަވެސް ޕާޓީ ސިސްޓަމުން ރާއްޖެއަށް ދިން ގެއްލުން އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ވަރަށްބޮޑަށް ފެންނަން ކަމަށް ވެސް ޢުމަރު ވިދާޅުވި އެވެ.

"ރާއްޖެއަށް ޕޮލިޓިކަލް ޕާޓީ އައިތާ މިވީ ގާްތްގަޑަަކަށް 16 އަހަރު. އެ މުއްދަތުގައި ދައުލަތުން ގެއްލިގެންދިޔަ ހަރުމުދަލާއި ދައުލަތުން ބަދަލުގެ ގޮތުގައި ބޭރުގެ ކުންފުނިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ފައިސާގެ އަދަދާ، ކިޔަވައިގެން ތިި މީހުން ވަޒީފާ ދޫކޮށްލާފަ ނުކުމެގެންދިޔަ އަދަދާ، ކޮރަޕްޝަންގެ ގޮތުގައި ދައުލަތުގެ ތިޖޫރީން ގެއްލުނު ފައިސާގެ އަދަދާ މިހުރިހާ އެއްޗަކަށް ބަލާލައިފި ނަަމަ، ޕޮލިޓިކަލް ޕާޓީތަކުން ރާއްޖެއަށް ކުރި ޚިދުމަތަށް ވުރެ، އެމީހުން ދިން ގެއްލުން މާބޮޑު" ޢުމަރު ވިދާޅުވި އެވެ.

ޢުމަރު ނަސީރު ވިދާޅުވީ ޕޮލިޓިކަލް އެލީޓަށް، ޕޮލިޓިކަލް ޕާޓީން ޚިދުމަތް ކޮށްފި ކަމަށާއި އެކަމަކު ދިވެހި ރައްޔިތުންނަށް ޕޮލިޓިކަލް ޕާޓީން ޚިދުމަތެއް ނުކުރި ކަމަށެވެ. އަދި ރައްޔިތުންނަށް ހަމައެކަނި ލިބުނު އެއްޗަކީ ޓެކްސް ކަމަށް ވެސް ޢުމަރު ވިދާޅުވި އެވެ.

ޢުމަރު ނަސީރު ވިދާޅުވީ އަމަންއަމާންކަން ގެއްލިއްޖެ ކަމަށާއި ވަޅިހަރައިގެން އެތައް ބަޔަކު މަރުވެގެން ހިނގައްޖެ ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް އެތައްބަޔަކު ގެނބިގެން ހިނގައްޖެ ކަމަށެވެ.

މީގެ އިތުރުން ދައުލަތް އެއްކޮށް ކޮރަޕްޓުވެއްޖެ ކަމަށާއި ޕޮލިޓީޝަނުން އެމީހުންގެ ނަފްސަށް ޚިދުމަތްކުރުން ނޫން އެއްވެސްކަމެއް ނުކުރާ ކަމަށް ވެސް ޢުމަރު ނަސީރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް