އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދަން ހަދަން ޖެހޭ ޓެސްޓު ހަދަން ތައްޔާރުވަމުން ދާ ކަމަސް ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރު ބުނެފި އެވެ.
ސޯނަމް އެ ގައުމުގެ ރަށްވެހިކަން ހޯދަން މަސައްކަތް ފަށާފައި މިވަނީ އޭނާގެ ފިރިމީހާ އަނަންދް އަހޫޖާ އަކީ އިނގިރޭސިވިލާތުގައި ވިޔަފާރި ކުރާ އެ ގައުމުގެ ރަށްވެހިކަން ހޯދައިގެން އުޅޭ އިންޑިއާ މީހަކަށް ވާތީ އެވެ.
ސޯނަމް ކައިވެނި ކުރި ފަހުން ގިނައިން އުޅެނީވެސް ފިރިމީހާ ކައިރީ އިނގިރޭސިވިލާތުގައި އެވެ.
މިދިޔަ ހަފްތާގައި އިނގިރޭސިވިލާތަށް ގޮސްފައިވާ ސޯނަމް ވޯގް މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބުނީ ރަށްވެހިކަން ހޯދަން ހަދާ ޓެސްޓުން އެއްބުރުން ފާސްވާން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ސޯނަމް ބުނީ ޓެސްޓަށް ތައްޔާރުވުމުގެ ގޮތުން އޭނާ އަންނަނީ ހަފުތާއެއްހާ ދުވަހަށް ކިޔަވަމުންނެވެ.
އެ ޓެސްޓުގެ ނަމަކީ "ލައިފް އިން ދަ ޔޫކޭ ޓެސްޓް" އެވެ.. ޓެސްޓުން ފާސްވާން އެންމެ ދަށްވެގެން ވެސް 75 ޕަސެންޓްގެ ނަތީޖާއެއް ހޯދަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް