ސްކޫލަށް ގޮސް ކިޔެވުމަކީ ލަނޑުދަނޑިއެއް ހާސިލުވުން: ރައީސް ސޯލިހު

މިއަދު ފެށުނު 2021/2022 ވަަނަ ދިރާސީ އާ އަހަރަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުންނަށް ވެސް އުފާވެރި އަދި ކާމިޔާބު އަހަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަ...

10 Aug 2021 | 05:18

މިއަދު ފެށުނު 2021/2022 ވަަނަ ދިރާސީ އާ އަހަރަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުންނަށް ވެސް އުފާވެރި އަދި ކާމިޔާބު އަހަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ސްކޫލާއި ދުރުގައި ތިބި ދަރިވަރުންނަށް މިއަދު ސްކޫލަށް ގޮސް ކިޔެވުމަކީ ލަނޑުދަނޑިއެއް ހާސިލުވުން ކަމަށެވެ. އެ ކަމަށްޓަކައި އެ މަނިކުފާނު ވަނީ ތަޢުލީމާއި ބެހޭ ވުޒާރާ އަށް ތަޙުނިޔާ ދަންނަވާފަ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މާލޭގެ ސްކޫލްތަކާ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ހިމެނޭހެން 92،936 ދަރިވަރުންނާއެކު އެވެ. ދިރާސީ އާ އަހަރަށް ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ސްކޫލްތަކުގައިވެސް އެކިއެކި ހަރަކާތްތައް ދަނީ ހިންގަމުން ނެވެ. އަދި ސްކޫލްތަކުގެ ކިޔެވުން ފެށުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވަމުން ނެވެ.

https://twitter.com/ibusolih/status/1424937750680141826

ދިރާސީ އަހަރުގެ ކިޔެވުން ދެ ދައުރަށް ކުރިއަށްގެންދާއިރު، މި ފެށި ފުރަތަމަ ދައުރުގެ ކިޔެވުން ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތިން ހަފްތާގެ ބަންދަކަށްފަހު ސްކޫލްތަކުގެ ދެވަނަ ދައުރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 16ވަނަ ދުވަހުއެވެ. 2021ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 2022ވަނަ އަހަރުގެ ޖޫންމަހުގެ 30ވަނަ ދުވަހު އެވެ.

ސްކޫލްތަކަށް ކުދިން ހާޒިރުވެގެން ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާއިރު ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާއްމު ހާލަތުގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

ނަމަވެސް ސްކޫލް މާޙައުލުގަ ބަލި ފެތުރުނަ ނުދިނުމަށްޓަކާ، ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅާ ސްކޫލްތަކަށްވަނީ އަންގާފަ އެވެ.

އެގޮތުން ސްކޫލަށް ކުދިން ހާޒިރުކުރުމުގަ ވީހާވެސް ތޮއްޖެހުން ކުޑަވާނެހެން ދަރިވަރުން ހާޒިރުކުރާ ގަޑިތައް މާލެ ސަރަޙައްދުގަ ހަމަޖެއްސުމާ، ކްލާސްރޫމް ތަރުތީބުކުރުމުގަ ގައިދުރުކަން ބެހެއްޓުމާ، ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމާ ހުންބެލުމާ އަތްދޮވުމާ ސެނިޓައިޒްކުރުމާ ޑިސްއިންފެކްޓް ކުރުންފަދަ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް