92،000 ދަރިވަރުންނާއެކު، 2021/2022 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފި އެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ދިރާސީ އާ އަހަރެއް، މީލާދީ އަހަރެއްގެ މެދުތެރެއިން ފެށި ފުރަތަމަ ފަހަރެވެ.
މީލާދީ އަހަރުގެ މެދުތެރެއަށް ކިޔެވުން ފެށުން ބަދަލުކުރިނަމަވެސް، ކިޔަވައިދިނުން ކުރިއަށްދާނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން 2 ދައުރަށް ބަހާލައިގެން ދިރާސީ ކަލަންޑަރުގެ ތާވަލާ އެއްގޮތަށެވެ.
ކޯވިޑް19ގެ ބަލިމަޑުކަމާއެކު ނިމުނު ދޮޅުއަހަރެއްހާ ދުވަސް ވެގެންދިޔައީ ތަޢުލީމީ ނިޒާމަށް އުނދަގޫ ހިތްދަތި ދުވަސްތަކަކަށެވެ. ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ދޮރު ބަންދުވުމުގެ ސަބަބުން ތަޢުލީމުގެ އިތުރަށް ދަރިވަރުންނަށް ބޭނުންވާ އިތުރު ހަރަކާތްތަކުން މަހުރޫމުވެ، ގޭ ބަންދުގަ ތިބެންޖެހުނު އަހަރަކަށެވެ.
ނަފުސާނީ ގޮތުން އެތައް ބުރައެއް ދަރިވަރުން ތަހައްމަލު ކުރަންޖެހުނު "ކަޅު" ތަޖުރިބާއަކަށެވެ.
އެކަމަކު މާޔް ﷲގެ އިރާދަފުޅާކު މިހާރު ދިވެހިރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު މި ވަނީ އިހުނަށް ވުރެ ރަނގަޅުވެފައެވެ. ގޭގައި ތިބި ދަރިވަރުން އައު ދިރާސީ އަހަރު މިފެށީ، ސްކޫލަށް ހާޒިރުވެ ކިޔެވުން ކުރިއަށް ގެންދާނެ އަހަރެއްގެ ގޮތުގައެވެ. ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދެވޭތީ ދަރިވަރުންނާ ބެލެނިވެރިންވެސް ތިބީ އުފަލުންނެވެ.
ހަމަ ޔަގީނުން ވެސް ދަރިވަރުން މިއަދު ސްކޫލަށް ދިޔައީ އުފަލުންކަން ކަށަވަރެވެ.
"އަޅުގަނޑު މި ހުރީ ވަރަށް އުފަލުން، ދުވަސްތަކެއް ފަހުން ކުލާސް ކުދިންނާއި ޓީޗަރުންނާ ބައްދަލުވާތީ." ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 8ގެ ދަރިވަރަކު އެ ކުއްޖާގެ ޝުއޫރުތައް "ދުވަސް" އާ ހިއްސާކޮށްލިއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މާލޭގެ ސްކޫލްތަކާ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ހިމެނޭހެން 92،936 ދަރިވަރުންނާއެކުއެވެ.
ސްކޫލްތަކުގެ ކިޔެވުން ފެށުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުން ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވަމުންނެވެ.
ދިރާސީ އަހަރުގެ ކިޔެވުން ދެ ދައުރަކަށް ކުރިއަށްގެންދާއިރު މި ފެށި ފުރަތަމަ ދައުރުގެ ކިޔެވުން ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި 3 ހަފްތާގެ ބަންދަކަށްފަހު ސްކޫލްތަކުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު އެވެ. 2021ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 2022ވަނަ އަހަރުގެ ޖޫންމަހުގެ 30ވަނަ ދުވަހު އެވެ.
ސްކޫލް މާޙައުލުގައި ބަލި ފެތުރުނަ ނުދިނުމަށްޓަކާ، ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅާ ސްކޫލްތަކަށްވަނީ އަންގާފަ އެވެ.
އެގޮތުން ސްކޫލަށް ކުދިން ހާޒިރުކުރުމުގަ ވީހާވެސް ތޮއްޖެހުން ކުޑަވާނެހެން ދަރިވަރުން ހާޒިރުކުރާ ގަޑިތައް މާލެ ސަރަޙައްދުގަ ހަމަޖެއްސުމާ، ކްލާސްރޫމް ތަރުތީބުކުރުމުގަ ގައިދުރުކަން ބެހެއްޓުމާ، ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމާ ހުންބެލުމާ އަތްދޮވުމާ ސެނިޓައިޒްކުރުމާ ޑިސްއިންފެކްޓް ކުރުންފަދަ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާ ނެއެވެ.
ދަރިވަރުންނަށް މާސްކާއި ނުލައި 3 ފޫޓު ދުރުމިނުގައި ތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއްވެސް ތާވަލުގަ ހިމަނާފައި ވެއެވެ. މި ވަގުތުކޮޅު ތޮއްނުޖެހޭގޮތަށް އެކި ކްލާސް އެކި ވަގުތުގައި ހަމަޖެއްސުމަށް އެޑިއުކޭޝަނުން ސްކޫލްތަކަށްވަނީ އަންގާފަ އެވެ.
ސްކޫލް މާހައުލުގައި ބަލީގެ ރައްކާތެރިކަން އިތުރުކުރުމަށް، ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ވެކްސިން ކޭމްޕެއްވެސް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް