ސަރުކާރުގެ ޚަރަދުތައް ކުރުމަށް އައިއެމްއެފް އިން 30 މިލިއަން ޑޮލަރު ނެގުމަށް ނިންމައިފި

ސަރުކާރުގެ ޚަރަދުތައް ކުރުމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން 30 މިލިއަން ޑޮލަރު ނެގުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ފިނޭނ...

10 Aug 2021 | 04:57

ސަރުކާރުގެ ޚަރަދުތައް ކުރުމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން 30 މިލިއަން ޑޮލަރު ނެގުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރ މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން، މޯލްޑިވްސް ޕޮލިސީ އެޑްވޮކެސީ ކާކަސް (އެމްޕެކް) އިން ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ.

އަމީރު ވިދާޅުވީ އައިއެމްއެފުން ރާއްޖެއަށް ކަނޑައަޅާފައިވާ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރް)ގެ ލިމިޓަށް ވާވަރަށް އަނެއްކާ ވެސް ފައިސާ ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި ސެޕްޓެމްބަރުގައި އިތުރު 30 މިލިއަން ޑޮލަރު އެސްޑީއާރް އެލޮކޭޝަންގެ ތެރެއިން ލިބޭނެ ކަމަށް އިންޑިކޭޝަނެއް ދީފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ވަނީ 32 ޕަސެންޓު ދަށްވެފަ އެވެ. އަދި ކޮވިޑްގެ ކުރިން ރާއްޖޭގެ ޖީޑީޕީ އޮތް މިންވަރަށް ކުރި އަރާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު ކަމަށް އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ލަފާ ކުރަނީ މިއަހަރު ތެރޭ ރާއްޖެއަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އިގުތިސާދު 22.7 ޕަސެންޓާއި 30.4 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށެވެ.

ކޮވިޑް 19އާއި ގުޅިގެން މުޅިދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ވެގެންދިޔައިރު، ރާއްޖެއަކީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމެވެ.

ރާއްޖެއަށް ލިބުނު ގެއްލުންތަކަށް ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލުތަކެއް ހޯދީ ބޭރުގެ މާލީ އިދާރާތަކުން ލޯނު ނަގައިގެންނާއި ހިލޭ އެހީ ހޯދައިގެން ނެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް