ދިވެހި ޓެކްސީ ޑްރައިވަރަކު މަރާލަން އިންޑިއާ މީހަކު އުޅުނު މައްސަލައެއް ފެންމަތިވެއްޖެ

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން އިންޑިއާ މީހަކު މަސައްކަތް ކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ޑްރައިވަރު މަރާލަން އިންޑިއާ މީހާ މަސައްކަތް ކުރީ ރޭ ހުޅުމާލެ ނިރޮޅުމަގުގެ 19 ވަ...

10 Aug 2021 | 04:34

ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން އިންޑިއާ މީހަކު މަސައްކަތް ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޑްރައިވަރު މަރާލަން އިންޑިއާ މީހާ މަސައްކަތް ކުރީ ރޭ ހުޅުމާލެ ނިރޮޅުމަގުގެ 19 ވަނަ ގޯޅިން ކާރު ދުއްވާފައި ދަނިކޮށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ޑްރައިވަރަށް ހަމަލާދިނީ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅާލައިގެންނެވެ.

މަންޒަރު ދުށް މީހަކާއި ހަވާލާދީ ރާއްޖެއެމްވީގައި ރިޕޯޓް ކުރި ގޮތުގައި، ކަރުގައި ގަމީސް އޮޅައި ޑްރައިވަރު މަރާލަން އުޅުމުން ޓެކްސީ ކޮންޓްރޯލްނުވެ ގޮސް އެ މަގުގައި ޕާކް ކޮށްފައިވާ ސައިކަލަކާއި ވޭނެއްގައި ޖެހި އެކްސިޑެންޓް ވެސް ވިއެވެ.

އެ ނޫހުން ރިޕޯޓްކުރި ގޮތުގައި، ޑްރައިވަރު މަރާލަން އިންޑިއާ މީހާ މަސައްކަތްކުރީ، ދަތުރު ފައިސާ ދޭން ބުނުމުން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެފައެވެ. ދަތުރު ނެގީ ހުޅުލޭ އައިލެންޑް ހޮޓެލުންނެވެ.

ޑްރައިވަރަކު މަރާލަން އިންޑިއާ މީހާ މަސައްކަތް ކުރުމުން އެސަރަހައްދަށް ފުލުހުން ގޮސް ހަރަކާތްތެރިވެފައި ވެއެވެ.

މިމައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ރޭ ދަންވަރު 12:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ތުހުމަތުގައި25 އަހަރުގެ އިންޑިއާގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރަށް ގެންދިޔަ އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލަ ބަލައި ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް