ޓީޗަރުންގެ ތެރެއިން ކޯވިޑް-19 ވެކްސިން ނުޖަހާ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވި ކަމަށް ބުނެ ރިޕޯޓު ކުރި ހަބަރު އެ މިނިސްޓްރީން ދޮގުކޮށްފި އެވެ.
އޮންލައިން ނޫސް "މިހާރު" ގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ އެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި އަހުމަދު އެންމެ ފުރަތަމަ ވިދާޅުވީ ވެކްސިން ފުރިހަމަނުކުރާ މުވައްޒަފުން މިއަދުން ފެށިގެން ސްކޫލަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެފަދަ މުވައްޒަފުން ޖެހޭނީ ގެއަށް ފޮނުވާލަން ކަމަށް އޭނާ ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލަކު އެ ނޫހަށް މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި ރިޕޯޓާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު ވިދާޅުވީ އެ މައުލޫމާތަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ބައްދަލުވުމެއްގައި ޕާމަނަންޓް ސެކްރެޓަރީ އަދި މިނިސްޓްރީގެ އެއްވެސް ބޭފުޅަކު އެ މޭރުމުން ވާހަކަ ދައްކަވާފައި ނުވާ ކަމަށް އަޒްދާ ވިދާޅުވި އެވެ.
މި މައްސަލައި އަހުމަދުވެސް ރޭ ވަރަށް ލަސްކޮށް ޓުވީޓެއް ކުރައްވާފައިވެ އެވެ. ޓުވީޓުގައި ވިދާޅުވީ ވެކްސިން ނުޖަހާ މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެ ކަމަށް އޭނާ ވިދާޅުވެފައި ނުވާނެ ކަމަށެވެ އަހުމަދު ވިދާޅުވީ އެޑިއުކޭޝަނުންވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުން ސްކޫލްތަކަށް ވަނުން މަނާ ކުރާށެވެ. އޭގެ ތެރޭގައި ދަރިވަރުން ނުހިމެނޭނެ އެވެ.
މިނިސްޓްރީން މިހާރު އަންނަނީ އެޗްޕީއޭއާ ގުޅިގެން ސްކޫލުތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ވެސް ހަމަޖައްސަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް