ފަސް ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން ފަށައިފި

ރަންދިހަ ފަހެއް ނޫޓު ސީރީޒްގައި ހިމެނޭ ފަސް ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން ފަށައިފި އެވެ. އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަސް ރުފިޔާގެ ނޫޓު ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ގަ...

10 Aug 2017 | 08:53

ރަންދިހަ ފަހެއް ނޫޓު ސީރީޒްގައި ހިމެނޭ ފަސް ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން ފަށައިފި އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަސް ރުފިޔާގެ ނޫޓު ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

އެމްއެމްއޭއިން ބުނީ އަލަށް ތައާރަފު ކުރެވުނު ފަސް ރުފިޔާގެ ނޫޓާއި އެކު ކުރީގެ ފަސް ރުފިޔާގެ ނޫޓު މިއަހަރުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި 31 ޖުލައި 2021 ގެ ނިޔަލަށް ފަސް  ރުފިޔާގެ ކަރުދާސް ނޫޓުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބަދަލު ކޮށްދޭނެ ކަމަށެވެ.

ފަސް ރުފިޔާގެ އާ ނޫޓުން ފެންނަނީ މުއާސަލާތު ކުރުމާއި އިޖްތިމާއީ ގުޅުން ދައްކުވައިދޭ މަންޒަރުތަކެ ކެވެ.

އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ނޫޓުގެ އެއް ފަރާތުން ފެންނަ މަޝްހޫރު ފުޓު ބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބޯޅައެއްގައި ޖަގާ މަންޒަރެވެ. އެ ފޮޓޯގައި ދަގަނޑޭ މޫނު ނެތް ކަމުގަ ވިޔަސް އެއީ ދަގަނޑޭކަން އެނގެ އެވެ. ދެން ފެންނަނީ ސަގާފީ ނެށުމެއް ހުށަހަޅައިދޭން ތިބޭ ބައެކެވެ. ނޫޓުގެ އަނެއް ފުށުގައި އިންނަނީ ސަންގެކެވެ.

އަލަށް ތައާރަފު ކުރި ފަސް ރުފިޔާގެ ނޫޓުގައިވެސް ރަންދިހަ ފަހެއް ނޫޓުތަކުގައި ހިމެނޭ ސެކިއުރިޓީ ފީޗަސްތައް ހިމެނޭނެ އެވެ. އަދި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް