ދިވެހިންނަށް ވިސާ އާއި ނުލާ ގަތަރަށް ދެވޭނެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީ (އެމްއޯއައި) އާއި ގަތަރު ޓުއަރިޒަމް އޮތޯރިޓީން އިއުލާންކޮށްފި އެވެ.
މި ލިސްޓުގައި ރާއްޖޭގެ އިތުރުން 79 ގައުމެއް ހިމެނެ އެވެ. މީގެ ތެރެއިން ރާއްޖެ އާއި އެކު 46 ގައުމަކަށް ވިސާ އާއި ނުލާ 30 ދުވަހު ގަތަރުގައި އުޅެވޭނެ އެވެ. އަނެއް 33 ގައުމަށް 180 ދުވަހު ވިސާ އާއި ނުލާ އުޅެވޭނެ އެވެ.
ގަތަރު އެއާވޭސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގަތަރަށް އެތެރެ ވުމަށް މި ގައުމުތަކުގެ ރައްޔިތުންނަށް ދެން ބޭނުންވާނީ މުއްދަތު ހަމަވާން ހަ މަސް ނުވާ ޕާސްޕޯޓަކާއި ޓިކެޓު ކަމަށެވެ، އޭރުން ޓޫރިސްޓު ވިސާ ހަމަޖެހިގެން ދާނެ ކަމަށެވެ.
ރާއްޖެއިން ގަތަރާއި އެކު ގާއިމް ކޮށްފައިވާ 33 އަހަރުވީ ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންކަމަށް ބުނެ އެވެ. ގަތަރާއި އެކު އޮތް ގުޅުން ކަނޑާޅުމުގައި އިސްކޮށް އުޅެނީ ސައުދީ އަރަބިއްޔާއެވެ.
ސައުދީ އަރަބިއްޔާ އާއި މިސްރު ބަހްރެއިން، ޔުނައިޓެޑް އަރަބި އެމިރޭޓްސް ފަދަ ގައުމުތަކުން ގަތަރާއި އޮތް ގުޅުން ކަނޑާލުުން އެ ގައުމުގެ އިގްތިސާދު ހީނަރުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ މާބޮޑު އަސަރެއް ގަތަރަށް ކުރަމުން ނުދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް