ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވެމުންދަނީއެވެ. ޝާހިލް ފިޔަވައި އެންމެންވެސް ކާޒުދޮށުން ފެންނަށް ތިއްބެވެ. ނަވީލްވެސް ތައްޓަށް އެޅި ބަތްކޮޅު ހާވާލަ ހާވާލާ އިނެވެ. ހީވަނީ އޭނާ އެއިނީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހެންނެވެ. ޒީޝާން ފެނުމުން ބަލާ ނުލިތާ އަނގައިންވެސް ނުބުއްޏެވެ. އޭނާ އިސްދަށަށް ޖަހާލައިގެން ބަތްތައްޓާއި ދިމާއަށް ބަލަހައްޓައިގެން އިން ނަމަވެސް އެއިން އެކަތިކޮޅުވެސް އޭނާގެ އަރުތެރެއަކަށް ނުދެއެވެ.އެންމެ ފަހުން އެކަމުން ނަވީލްގެ ބައްޕަ ނަސީމަށް އުނދަގޫތަކެއް ވިއެވެ.
''ދަރިފުޅާ. ކީއްވެތަ ނުކައިތީނީ. ކާން ފަށާ ބަލަ.'' ނަސީމު ނަވީލަށް ބަލާލަމުން ލޯތްބާއި އެކު ބުއްޏެވެ. ''ކާހިތެއް ނެތް.'' ނަވީލް ފަރުވާކުޑަ ރާގަކަށް ބުއްޏެވެ. ''ކޮއްކޯ. އެކަމަކު މެންދުރުވެސް ނުކަމެއްނު. ބޭސްކާއިރު ވާނެ ކޮންމެވެސް ވަރަކަށް ކާން. އެހެން ނޫނީ ކޮއްކޮ ބަލިވެދާނެ.'' ޝާހިދާ ނަވީލަށް ބަލާލަމުން ބުއްޏެވެ.
''ތިއްތާ. ބަނޑުހައެއް ނުވެއޭ. ބަނޑުހައި ވަންޏާތާ ކެވޭނީ.'' ނަވީލް ބުއްޏެވެ. ''އެކަމަކު ކުޑައެތިކޮޅެއް ނަމަވެސް ކާލަބަލަ ދަރިފުޅާ.'' ނަސީމު ބުއްޏެވެ. ''ބުނެފީމެއްނު އަހަރެން ބަނޑުހައެއް ނުވެއޭ.'' ނަވީލްގެ އަޑުބާރުވާގޮތްވިއެވެ. ''ދަރިފުޅާ. ކިހިނެއްވީތަ އަނެއްކާ.'' ނަސީމު ދެރަވެލާފައި އަހާލިއެވެ.
''ކަމެއް ނުވޭ.'' ނަވީލް ބަތްތަށި ދުރަށް ޖައްސާލުމަށް ފަހު ތެދުވެގެން ހިނގައިގަތެވެ. ނަވީލް ކާގޭން ނިކުތް ވަގުތުވީ ޝާހިލް އައިސް ކާގެއަށް ވަން ވަގުތަށްށެވެ. ނަމަވެސް ނަވީލް ޝާހިލަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ އެދިޔަ ބާރުމިނުގައި ގޮސްވަނީ ކޮޓަރިއަށެވެ.
''ތިއްތާ. ނަވީލްކޮއްކޮ ހާދަ ރުޅިއައިސްފަ ހުރިހެން ހީވެއޭ. އަނެއްކާ ކިހިނެއްވީތަ؟'' ޝާހިލް ވާހަކަ ދެއްކީ ޖަގުން ފެންތައްޓެއް އަޅަމުންނެވެ. ''ބައްޕަ ބުނުއްވި އެއްޗަކުން ރުޅިއައިސްގެން އެދިޔައީ. ދެން އެކަމާއި މާބޮޑަށް އަޅާނުލިއްޔާ ރަނގަޅުވާނީ. ކާންވީނު.'' ޝާހިދާ ޝާހިލަށް ބަލާލަމުން ބުއްޏެވެ.
''ކާހިތެއް ނެތް.'' ޝާހިލް އެހެން ބުނީ ޒީޝާނަށް ބަލާލަމުންނެވެ. ޒީޝާން އިނީ އިސްދަށަށް ޖަހާލައިގެން ކަމަކާ ވިސްނާ ފަދަ ގޮތަކަށްށެވެ. ނަވީލް ނުކައި ދިޔުމުން އޭނާވެސް އިނީ ހިސާބަކަށް ދެރަވެފައެވެ. ''އަނެއްކާ ދޮންބެއަށް ވެސް ތުއްތުބެއަށް ޖެހުނު ބަލި ޖެހުނީތަ؟'' ނޫރާ ޝާހިލަށް ބަލާލަމުން ބުއްޏެވެ. ''ކީއްވެ ނޫރާކޮއްކޮ ތިހެން ތިބުނީ.'' ޝާހިލް ނޫރާއާއި ދިމާއަށް ބަލާލަމުން އަހާލިއެވެ. ''ތުއްތުވެސް އެދިޔައީ ކާހިތެއް ނެތޭ ބުނީމަ ބޮޑުބޭބެ އެއްޗެކޭ ބުނުއްވީމަ ރުޅިއައިސް ދޯ ތިއްތާ.'' ނޫރާ ޝާހިދާއަށް ދޯ ދެމުން ބުނެލިއެވެ. ''ހޫނ.'' ޝާހިދާ ބުނީ ހަމަ އެކަނި ހޫ އެކޭ އެވެ. ''ދެންތީ ކޮން ވާހަކައެއްތަ ކާމޭޒު ދޮށުގައި ދައްކަން.'' ބޮޑުދައިތަ ނޫރާއާއި ދިމާއަށް ބަލާލަމުން ބުއްޏެވެ. ''ސޮރީ މަންމާ.'' ނޫރާ މަންމަގެ ކިބައިން މަޢާފަށް އެދުނެވެ. ޝާހިލްވެސް ބައްޕައާއި ދިމާއަށް ބަލާލާފައި ކާގެއިން ނިކުތުމަށް ހިނގައިގަތެވެ.
ޒީޝާން ބެލްކައްޏަށް އައީ ބެލްކަނީގައި ހިއްކަންއަޅާފައި ހުރި އަންނަ އެއްޗެހިތައް ނެގުމަށްޓަކައެވެ. އޭނާއަށް ބައެއް އެއްޗެހި ނެގުމަށްޓަކައި ގޮނޑިއެއްގެ އެހީވެސް ހޯދަން ޖެހުނެވެ. ވުމާއެކު އަތުގައި ހުރި ހެދުންތައް ގެންގޮސް އެތާގައި ހުރި ގޮނޑިއެއްގެ މަތީގައި ބެހެއްޓިއެވެ. އަދި އަނެއްގޮނޑި ހިފައިގެން އައިސް ބެހެއްޓުމަށް ފަހު އޭގެ މައްޗަށް އަރާ އެއްޗެހިތައް ނަގަން ފެށިއެވެ. އެއްޗެހިތައް ނަގަމުން ނަގަމުން ގޮސް ތަންކޮޅެއް ދުރުގައި އޮތް އެއްޗެށް ނަގަން ވެގެން އޭނާ ކޮރާލިއެވެ. އެވަގުތު އޭނާ އަރާހުރި ގޮނޑި އަރިއަޅާލައިގެން ގޮސް އޭނާ ވެސް ވެއްޓެއް ދިޔައެވެ. ބިރުން ގޮސް އެވަގުތު ޒީޝާނަށް ހަޅޭލަވައި ގަނެވުނެވެ. ނަމަވެސް އޭނާ ބިންމައްޗަށް ވެއްޓުމުގެ ކުރިން ކޮންމެވެސް ބާރުގަދަ ދެއަތަކުން އޭނާގެ ހަށިގަނޑުގައި ހިފެހެއްޓިކަން އެގުނެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ޒީޝާނަށް އޮވެވުނީ ދެލޯމަރައިގެންނެވެ. މަޑުމަޑުން ދެލޯ ހުޅުވާ ބަލާލިއެވެ. ސުބުޙާނަށްﷲއެވެ. އޭނާއަށް މިއޮވެވުނީ ޝާހިލްގެ ބާރުގަދަ ދެއަތުގެ ދަށުގައި ކަން އެގުމުން ލަދުންގޮސް މޫނު ރަތްވެގެން ދިޔައެވެ. ޝާހިލަށް ހުރެވުނީ އޭނާގެ އަތުތެރޭގައި އޮތް ޒީޝާނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. ހީވަނީ ކަޅިޖަހާލަން ވެސް އޭނާ ހަނދާން ނެތިފައި ހުރިހެންނެވެ. ވާނީވެސް އެހެންތާއެވެ. ޝާހިލްގެ ހަށިގަނޑުގެތެރޭގައި ވެސް ވިންދު ޖަހަމުންދާ ހިތެއްވެއެވެ. އެހިތުގައި އުތުރި އަރަމުންދާ އިޚްސާސް ތަކެއް ވެސް ވެއެވެ. ހިތަކީ ކިތަށްމެ ބާރުފޯރުވަން މަސައްކަތްކުރި ނަމަވެސް ބައެއް ފަހަރު އެއަށް ބާރު ނުފޯރުވޭ އެއްޗެކެވެ.
''ޝާހިލް.'' ޒީޝާން ޝާހިލަށް ގޮވާލިއެވެ. ''އޫނ.'' ޝާހިލް ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ޒީޝާން ބިންމަތީގައި ބެހެއްޓިއެވެ. ''ނުކުރެވޭ ވަރުގެ ކަންތައްތަކުގައި އަނެކާގެ އެހީތެރިކަންވެސް ހޯދަން ވާނެއެއްނު. ހުރިހާކަމެއް އެކައްޏެއް ނުވާނޭ.'' ޝާހިލް ވާހަކަދެއްކީ ރޯނުގައި ހުރި އެއްޗެހިތައް ނަގަމުންނެވެ. ''ތިކަން އަހަރެންނަށް ވެސް އެގެއޭ. އެކަމަކު....................................''
''އެކަމަކު އެހެންމީހުންނަށް އުނދަގޫކުރަން ބޭނުންނެތީ. އެހެން ބުނާކަށްނު ތިއުޅެނީދޯ.'' ޝާހިލް އެއްޗެހިތައް ހިފައިގެން އައިސް ދިއްކޮށްލަމުން ބުއްޏެވެ. ''ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެވެން އޮތީ.'' ޒީޝާން އެއްޗެހިތައް ހިފައިގެން ހިނގައިގަންނަމުން ބުއްޏެވެ. ''ތިވަރުންވެސް އޯކޭއޭ. އެކަމަކު ތިމާގެ އަމިއްލަ ރައްކަލަށް ވެސް ކުރިއަށް އޮތްތަނުގަ ބަލާނެކަމަށް އުއްމީދުކުރަން.'' ޝާހިލް ބުނެލިއެވެ. ޒީޝާނު ހަމައެކަނި ޝާހިލާއި ދިމާއަށް ބަލާލާފައި ހިނިތުންވެލުން ފިޔަވައި އިތުރު އެއްޗެކޭ ނުބުނެއެވެ. އެހިނިތުންވުމުން ހީވީ ޝާހިލްގެ ހިތްކަތިލައިފި ކަހަލަހެންނެވެ.
ޝާހިލަށް ހުރެވުނީ ޒީޝާނު ގޮސް އޮބާލިއިރުވެސް އެދިމާއަށް ބަލަހައްޓައިގެންނެވެ. ޒީޝާނު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ނުކިޔަމަންތެރި ހިތަށް އާދަޔާ ޚިލާފުގޮތްތަކެއް ވާން ފަށައިފި ކަހަލައެވެ. ދުވަހަކުވެސް އަންހެންކުއްޖަކު ފެނުމުން ނުވާ ފަދަ ގޮތްތަކެއް މިއަންހެންކުއްޖާ ފެނުމުން ޝާހިލަށް އެކުރުވީ ކީއްވެބާއެވެ؟ އެސާދާ އަންހެންކުއްޖާއަށްޓަކައި ޝާހިލްގެ ހިތުން ފުރަތަމަ ފެނިލުމާއި އެކުވެސް ޖާގައެއް އެހުސްކުރެވުނީ އަނެއްކާ އޭނާގެ ހިތުގައި ޝާހިލަށްޓަކައި އޮތީ ކޮންފަދަ މަޤާމެއް ކަމެއް ވެސް ނޭގޭ ހާލުގައެވެ. ޝާހިލަށް އެގޭ އެއްޗަކީ ޒީޝާންގެ ކޮންމެ ފެނިލުމަކުންވެސް އޭނާގެ ހިތަށް އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމެވެ. އެއަންހެންކުއްޖާގެ ޤައިދުގައި ހައްޔަރުވުމަށް އޭނާގެ ހިތްއެދޭކަމެވެ. ނަމަވެސް....................................
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒީޝާނާއި ޝާހިލްގެ ގުޅުމުގައިވެސް އެކުވެރިކަމުގެ ކުލަޖެހި އެގުޅުން ދިޔައީ ބަދަހިވަމުންނެވެ. ޒީޝާން ކިޔަމުންދިޔަ ކޯހުގެ ސަބަބުން ގިނަ ކަންތަކުގައި ޒީޝާނަށް ޝާހިލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދިޔައީ ލިބެމުންނެވެ. ޝާހިލްގެ ވަޒީފާ ހަމަޖެހުމާއިއެކު މިހާރު އޭނާވެސް މަސައްކަތްކުރަމުންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. ނުހަނު ބުރަކޮށް އުޅެމުން ނަމަވެސް ޒީޝާނަށް އެހީތެރިވެދިނުމަކީ އޭނާއަށް ލިބޭ އުފަލެވެ.
މެންދުރުގެ އެންމެ އަވިބާރު ވަގުތެވެ. ސަރއެއް ބަލިވުމުގެ ސަބަބުން މެންދުރުފަހު އޮތް ތިއަރީ ކްލާސް ކެންސަލް ވުމާއި ގުޅިގެން ކެމްޕަހުން ނިކުމެ ޒީޝާނާއި ނީލާ އަދި ދިމްނާ މިސްރާބުޖެހީ ހޮސްޕިޓަލާއި ދިމާއަށެވެ. ބޭނުމަކީ ގެއަށް ދިޔުމުގެ ކުރިން ސަރގެ ހާލުވެސް ދެކިލުމެވެ.
''އަސްލުވެސް ތިކުދިން ސަރގެ ހާލުދެކިލަން އައިމަ ވަރަށް އުފާވެއްޖެ.'' ސަރގެ މޫނުމަތިންވެސް އެމީހުން ފެނުމުން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ''އަސްލު ހެނދުނު ދަންފަޅި ނިމެން އުޅެނިކޮށް ވީނާމެޑަމް ދުރުވެފަ ބުނުއްވީ ހާމިދުސަރ ބަލިވެ އުޅުއްވާތީ ތިޔަރީކްލާސް ނޯންނަވާހަކަ. ދެން ހިތަށް އެރީ ގެއަށް ދަމުން ސަރގެ ހާލުދެކިލާފައޭ ދާނީދޯ.'' ޒީޝާން ނީލާ އާއި ދިމްނާއަށް ބަލާލަމުން ބުއްޏެވެ. ''އެހެންތަ.'' ހާމިދު ހިނިތުންވެލެއްވިއެވެ. ''ސަރ. ދެން މިވަގުތު އަޅުގަނޑުމެން ދަނީ. އަދި އަންނާނަށް. ސަރއަށް އަވަސް ޝިފާއަކަށް އެދެން.'' ޒީޝާން ހިނިތުންވެލަމުން ބުއްޏެވެ. ''ޝުކުރިއްޔާ ހުރިހާކުދިންނަށްވެސް.'' ހާމިދުވެސް ޖަވާބުގައި ހިނިތުންވެލެއްވިއެވެ.
ސަރގެހާލު ދެކިލުމަށް ފަހު ގެއަށް ދާންވެގެން ތިންމީހުން ހޮސްޕިޓަލުން ނިކުތްތަނާއި ނީލާގެ މަންމަ ގުޅައިފިއެވެ. ނީލާގެ މަންމަ ގުޅީ ހޮސްޕިޓަލާއި މާދުރުނޫން ހިސާބެއްގައި ހުރި ފާމަސީއަކުން މަންމަގެ ބޭސްސިޓީއަށް ބޭސްނަގައިގެން އައުމަށް އެދިއެވެ. ބޭސްސިޓީ ހިފައިގެން އިރުކޮޅަކުން ކުއްޖަކު ދާނެއޭވެސް މަންމަ ބުއްޏެވެ.
''ޒީ. އަހަރެންނާއި ދިމް އަންނާނަށް މަންމަގެ ބޭސް ނަގައިގެން.ޒީ ބުނީމެއްނު ކުޑަކޮށް ބޮލުގަ ރިއްސާތީއޭ މިއުޅެނީ. އެހެންވީމަ ޒީ މަޑުކޮށްލާ މިތާގަ.'' ނީލާ ބުއްޏެވެ. ''އޯކޭ. އެކަމަކު އަވަހަށް އަންނާތި.'' ޒީޝާން އެއްބަސްވިއެވެ. ނީލާ އާއި ދިމްނާވެސް އާއެކޭ ބުނުމަށް ފަހު ހިނގައިގަތެވެ.
ނީލާމެން ދިޔުމުން ޒީޝާންވެސް ހޮސްޕިޓަލުގެ ކޮރިޑޯގައި ދެކޮޅުދެކޮޅަށް ހިގާލަ ހިގާލަ ހުއްޓެވެ. ޒީޝާން ބޭނުންވަނީ ވީހާވެސް އަވަހަށް ގެއަށްދާށެވެ. ފަހަރެއްގައި ނިދާލަނިކޮށް ބޮލުގެ ރިހުން ރަނގަޅުވެސް ވެދާނެއެވެ. މިއަދު ކެމްޕަހަށް އައިސުރެ އޭނާ ބޮލުގައި ރިއްސައެވެ. އޭނާ މިހާރު ޕެނަޑޯލްގުޅައެއް ވެސް ކައިފިއެވެ. ނަމަވެސް އަދި ރިހުމަށް ގޮތެއްވީހެނެއް ހިއެއް ނުވެއެވެ. ބައެއް ފަހަރު ރިހުން ގަދަވާހެންވެސް ހީވެއެވެ. ނަމަވެސް ދެން އޭނާ އިތުރު ޕެނަޑޯލްގުޅައެއް ކާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ގެއަށް ގޮސް އަރާމުކޮށްލާށެވެ.
********* ނުނިމޭ ***********
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް