ފުލުހުންގެ އަބުރާ ބެހުމުގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ދެއްވައިފި އެވެ.
މިގޮތަށް ސީޕީ އަރީފު ވިދާޅުވެފައި މިވަނީ މުޒާހާރާތަކުގައި ވަކި ވަކި ފުލުހުން މުޒާހަރާތައް ރޫޅާލާއިރު މީހުންނަށް އަނިޔާކޮށް، ޣައިރު ގާނޫނީ އަމަލުތަކެއް ހިންގާ ކަމަށް އިދިކޮޅޫ ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނިކޮށެވެ. ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ ފޮޓޯ އާއި ވަނަވަރުވެސް އާންމު ކުރަމުންނެވެ.
ސީޕީ އަރީފު ސޮއި ކުރައްވާ ނެރުއްވާފައިވާ ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާ ކުރަމުން ދަނިކޮށް ފުލުހުންގެ އަބުރަށް އަރައިގަނެ ހުތުރު ބަހުން މުއާމަލާތްކޮށް ނުވަތަ އެފަދަ އަމަލުތައް ހިންގަމުންދާކަމަށެވެ. ފުލުހަކު އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އަބުރުގެ ގާނޫނުގެ ދަށުން އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމަ އެ ދެންނެވުވުމުގައި ވެވެ.
އިތުރަށް ބުނެފައިވަނީ އެފަދަ މައްސަލައެއް ފުލުހަކު އަމިއްލަ ހައިސިއްޔަތުން ހުށަހަޅައިފި ނަމަ ފުލުހުންގެ އިދާރާއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުހުން ދޭނެ ކަމަށެވެ.
"ފުލުހަކާ މެދު މީހަކު ކުރާ އެފަދަ އަމަލެއްގެ ސަބަބުން އެ ފުލުހަކަށް ލިބޭ ގެއްލުމުގެ މަދަނީ ބަދަލު ހޯދުމަށް އެ ފުލުހަކު އަމިއްލަ ހައިސިއްޔަތުން ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގައި މި ސާވިސް އިން ދެވެން ހުރި އެންމެހާ ގާނޫނީ އެހީތެރިކަން ދޭނެ ވާހަކަ ވެސް ދަންނަވަމެވެ،" ސީޕީ އަރީފު ވިދާޅުވެފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންނަށް އަނިޔާކުރާ ކަމަށް ތުހުމަތުކޮށް ބައެއް ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް