ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި އެންޒީ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ދުން ބޯވެފައިވާއިރު ޒަރޫރީ ބޭނުމެއްނެތި އެ ސަރަހައްދަށް ނުދިއުމަށާއި އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް މިރޭ ފުލުހުން ބުނެފައިވަނީ ހުޅުމާލެ، ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިލް ޒޯންގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައި ކަމަށެވެ އަދި މިހާދިސާގެ ސަބަބުން، ހާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރާކަމަށެވެ.
"އެހެންކަމުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ވަޑައިގަންނަވާ ބޭފުޅުން މަގު ބޭނުންކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން، އަދި އެ ސަރަހައްދުގެ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވައި އެންމެހައި ފަރާތްތަކުން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕަވައި ބޭރަށް ނުކުންނަވަން ޖެހިއްޖެނަމަ މާސްކު އެޅުއްވުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަން" ފުލުހުން ބުނެފައިވެއެވެ .
ފުލުހުން އިތުރަށް ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެސަރަހައްދުގައި އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން އަމަލު ކުރެއްވުމަށް މިފުރުސަތުގައި ދަންނަވާކަމަށެވެ.
އަލިފާނުގެ އެ ހާދިސާ ހިނގީ އިރު އޮއްސި 06:45 ހާއިރުގައެވެ. އަލިފާނުގެ އެ ހާދިސާ ކޮންޓްރޯލު ކުރެވުނު ކަމެއް ނޫންކަމެއް އަދި ސަލާމަތީ ޚިދުމަތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަލިފާން ކޮންޓްރޯލު ކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް) އިން ކުރަމުން އަންނަކަން ހާމަކޮށްފައިވެއެވެ.
އެންސިސްގެ އެ ގުދަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮނުގަސް މަގުގައެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލާ ދުރު ނޫން ހިސާބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް