ޞިއްޙީ ޚިދުމަތުގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އައްޑޫ ސިޓީ، މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ވަނީ، ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވާފައެވެ.
" ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއް" އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ފޭދޫ ޞިއްޙީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް ކުރިޔަށްދިޔައެވެ.
އެގޮތުން ފޭދޫ ޞިއްޙީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައި ވަނީ ފަސްޓް ލޭޑީ ސާޖިދާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް