ޝަމްނާޒަށް ޕްރެޝަރެއް ނުކުރަން: ފުލުހުން

ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ، ވަކި ގޮތަކަށް ބަޔާނެއް ނުވަތަ ހެކި ބަހެއް ދިނުމަށް ޕްރެޝަރުކޮށްފައިނުވާނެކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ...

10 Jul 2024 | 13:59

ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ، ވަކި ގޮތަކަށް ބަޔާނެއް ނުވަތަ ހެކި ބަހެއް ދިނުމަށް ޕްރެޝަރުކޮށްފައިނުވާނެކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.

"ހެއްކެއް ނެތް: ފުލުހުން ބުނަނީ ޝަމްނާޒް ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދިނީމަ ދޫކޮށްލާނެކަމަށް: ވަކީލު" މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލެއް ދޮގުކޮށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ވިދާޅުވެފައިވަނީ އެ އާޓިކަލް ރައްދުވާ މައްސަލައިގެ ތުހުމަތުވާ ފަރާތާ މެދު އެފަދަ އެއްވެސް މުޢާމަލާތެއް ފުލުހުންކޮށްފައި ނުވާނެކަމަށް ދަންނަވާކަމަށެވެ.

އަދަދު ނޫހުގެ އެ ވާހަކަތައް ގެނެސްދީފައިވަނީ ޝަމްނާޒްގެ ލޯޔަރު، އަލީ ޝާހު އާއި ހަވާލާދީއެވެ.

ޝާހު އާއި ހަވާލާދީ އަދަދުގައި ބުނެފައިވަނީ އެއްވެސް ހެއްކެއްނެތި ޝަމްނާޒް ހައްޔަރުކޮށްފައިހުރީ ސިޔާސީ ގޮތުން ފްރޭމްކޮށްގެން ކަމަށާއި ރަމީޒްއާއި ދެކޮޅަށް ހެކިބަސްދޭނަމަ ދޫކޮށްލާނެކަމުގައި ފުލުހުން ތަކުރާރުކޮށް ބުނަމުން އަންނަ ކަމަށެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހައްވާ ސަނާ ސަލީމް ހައްޔަރުކުރި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ. އެއަށްފަހު ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

ކުރިން އަޑު ފެތުރުނީ ޝަމްނާޒް ސިހުރު ހެދީ ރައީސް މުޢިއްޒުއާއި އަރިސްވުމުގެ ގޮތުން ކަމަށެވެ. އެ މައްސަލައާއި ރައީސް އާއި ގުޅުމެއް ނެތްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ޝަމްނާޒްއަކީ މިހާރު ސަސްޕެންޝަނުގައި ހުންނެވި، ރައީސް އޮފީހުގެ ވަޒީރު އާދަމް ރަމީޒްގެ ކުރީގެ އަންހެނުންނެވެ. ރަމީޒް އާއި ޝަމްނާޒްވެސް ތިއްބެވީ މަގާމުގެ ސަސްޕެންޝަނެއްގައެވެ. ނަމަވެސް މި މައްސަލައާއި ރަމީޒް އާއި ގުޅުމެއް ވާކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް