އިންޑިއާގެ މި ބަތޮލާ ކައިވެންޏަށްފަހު ދިރިއުޅުނީ ރާއްޖޭގައި !

ދިވެހިންނަކީ މިހާރު ތަމަޅަ، މަލަޔާލަމް އަދި ތެލުގޫ ފިލްމުވެސް ބަލާ އުޅޭ ބައެކެވެ. އިރަކު ހަމަ އެކަނި ހިންދީ ފިލްމު ބެލި ނަމަވެސް މިހާރު ހިންދީ ބަހުން ޑަބް ކޮށްފައިވާ އެ ބަސްބަހުގެ އިންޑިއާ ފިލްމުވެސް ...

10 Jul 2024 | 13:09

ދިވެހިންނަކީ މިހާރު ތަމަޅަ، މަލަޔާލަމް އަދި ތެލުގޫ ފިލްމުވެސް ބަލާ އުޅޭ ބައެކެވެ. އިރަކު ހަމަ އެކަނި ހިންދީ ފިލްމު ބެލި ނަމަވެސް މިހާރު ހިންދީ ބަހުން ޑަބް ކޮށްފައިވާ އެ ބަސްބަހުގެ އިންޑިއާ ފިލްމުވެސް ދިވެހިން ބަލާލެއް މަދެއް ނޫނެވެ.

އިންޑިއާގެ ނިއުސް 18 ގެ އިއްޔެގެ އަދަދުގައި ކިޔުންތެރިންނާއި ސުވާލެއް ކޮށްފައި އޮތެވެ. ދެކުނު އިންޑިއާގެ ބަތޮލާއެއްކަމުގައިވާ ސުނަންދާ ނާޔަރް، ސިނަމާ ނަމުންނަމަ "ކަރްތިކާ" ގެ ފޮޓޯއަކާއެކު ކޮށްފައިވާ ސުވާލަކީ މި ބަތޮލާ އެނގޭތޯ؟ އެވެ. ސުރުހީގައިވެސް ބުނެފައިވަނީ ކައިވެންޏަށްފަހު އޭނާ ދިރިއުޅެމުން އަންނަނީ ރާއްޖޭގައި ކަމަށެވެ.

ކަރްތިކާގެ ވިކި ޕޭޖަށް ބަލައިލާއިރު އޭނާ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރީ 1984 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާއި ހަމައަށެވެ. މަލަޔާލަމް އަދި ތަމަޅަ ފިލްމު ހިމެނޭހެން 22 ފިލްމެއް އޭނާ ކުޅެފައިވެއެވެ. 1988ގައި ފިލްމު ކުޅުން ހުއްޓާލިނަމަވެސް 1991 ވަނަ އަހަރު ނިކުތް ފިލްމެއްގައި ރޯލެއް ކުޅެފައިވެއެވެ.

ނިއުސް 18ގައި ބުނެފައިވާގޮތުގައި ކަރްތިކާ ފިލްމު ކުޅުން ހުއްޓާލީ ޑރ. ސުނިލް ކުމާރާ ކައިވެނިކުރުމަށްފަހު ރާއްޖެ ބަދަލުވުމަށެވެ.

ކަރްތިކާގެ ފިރިމީހާގެ ފުރިހަމަ ނަމަކީ ޑރ. ޖައިކުމާރް ސުނިލް ކުމާރެވެ. އިންޓަނެޓުން ލިބެންހުރި މަޢުލޫމާތައް ބަލާލާއިރު 2000 ވަނަ އަހަރުން ފެށިގެން 2008 އަށް އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކޮށްފައެވެ. އަދި މިހާރުވެސް ވިޒިޓިންގ ޑޮކްޓަރެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރާކަމަށް އިންޓަނެޓުން ލިބޭ މަޢުލޫމާތުން ދައްކައެވެ. އެހެންނަމަވެސް މި ދެމަފިރިން މިހާރު ދިރިއުޅެމުންދަނީ ރާއްޖޭގައިކަމެއް ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް