ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި އެ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް އަތުލައިގަތް ބިދޭސީންގެ އަދަދު 30 އާ ގާތް ކޮށްފިއެވެ.
އެގޮތުން އެންމެ ފުރަތަމަ މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ހިންގަމުން އަންނަ ޓޭކްއަވޭ ތަނަކުން އަށް ބިދޭސީއަކު އަތުލައިގަތެވެ. އަދި ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ދެ މާރުކޭޓު ސަރަހައްދަކުން ހަ ބިދޭސީއަކު އަތުލައިގަތެވެ. އެއީ ހަތަރު ފިރިހެނަކާއި ދެ އަންހެނެކެވެ.
އެއަށްފަހު މިދިޔަ ހޯމަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ދެތަނެއް ބަލާ ފާސްކޮށް ހަތަރު ބިދޭސީއަކު އަތުލައިގެންފައިވާއިރު ހަމަ އެރޭ މާލޭގައި ރީޓެއިލް ފިހާރަތަކެއް ހިންގާ ބިދޭސީ ފިރިހެނަކާއި އޭނާއަށް އެހީތެރިވާ ބިދޭސީ ތިން ފިރިހެނަކާއި ބިދޭސީ އަންހެނަކު ހިމެނޭހެން ޖުމްލަ ފަސް މީހަކު އަތުލައިގަތެވެ.
މި އޮޕަރޭޝަންސްތަކުގެ ތެރެއިން ރޭގައިވެސް މާލޭގެ ހަތަރުތަނެއް ބަލާ ފާސްކޮށް ބިދޭސީ ފަސް ފިރިހެނަކާއި އަންހެނަކު ވަނީ އަތުލައިގެންފައެވެ.
މިއާއެކު މި އޮޕަރޭޝަންތަކުގައި އަތުލައިގަތް ބިދޭސީންގެ އަދަދު މިވަނީ 28 އަށް އަރާފައެވެ.
މި އޮޕަރޭޝަންސްތަކާއި ގުޅޭގޮތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު މިދިޔަ ހޮނިހިރު ދުވަހުގެރޭ ވިދާޅުވެފައިވަނީ މިވަގުތު ފޯކަސް ހުރީ ދިވެހި ރައްޔިތުން ކުރަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ އެފަދަ ވިޔަފާރިކުރަމުންދާތީ އެފަދަ ތަންތަން ދެނެގަނެ އެ ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުފުޅާއި އެއްގޮތަށް ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް" ޝަމްޢާން ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ މި އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް