ބޮޑު ލިސްޓެއްގެ ބަދަލުގައި ފޯކައިދޫއިން ރައީސް ކައިރިން އެދުނީ 3 ކަމަކު

ށ. ފޯކައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމުން، ބޭނުންވާ ކަންތަކުގެ ބޮޑު ލިސްޓެއް ކިޔުމުގެ ބަދަލުގައި ފޯކައިދޫއިން ރައީސް ކައިރިން އެދުނީ އެންމެ ތިން ކަމަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަ...

10 Jul 2023 | 12:11

ށ. ފޯކައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމުން، ބޭނުންވާ ކަންތަކުގެ ބޮޑު ލިސްޓެއް ކިޔުމުގެ ބަދަލުގައި ފޯކައިދޫއިން ރައީސް ކައިރިން އެދުނީ އެންމެ ތިން ކަމަކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެށުމަށްޓަކައި ށ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ކުރެއްވި ދަތުރުގައި ފޯކައިދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހިނގަމުން މިދާ ދައުރުގައި ފޯކައިދޫއަށް ވީ ހުރިހާ ވައުދުތަކެއް ފުއްދާފައި ވާކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް ފޯކައިދޫ ރައްޔިތުން އެދުނީ ތިން ކަމަކު ކަމަށާއި އެ ހުރިހާ ކަންތަކެއްވެސް ކޮށްދެއްވާނެ ކަމަށެވެ.

"2018 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް ފޯކައިދުއަށް މި ސަރުކާރުން ވީ ވައުދުތައް 100އިން100އަށް އިރާދަކުރެއްވިއްޔާ މި ނިމުނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރަށަށް ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ކައުންސިލްގެ ރައީސަށް ވިދާވުމުން، އެހެން ރަށްރަށް ފަދައިން، ބޭނުންވާ ކަންތަކުގެ ލިސްޓު ދިގުވާނެ ކަމަށް ހީފުޅުކުރެއްވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެރަށުން އެދުނީ ތިން ކަމެއް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ކަމަކީ ރަށުގެ މަގުތައް ހެދުމެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ފޯކައިދޫގެ ބޮޑުމަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ.

"ދެން ގިރާ ސަރަހައްދު ހިމާޔަތް ކޮށް ރިވެޓްމެންޓްޖެހުން" އެކަންވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފޯކައިދޫ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި ފްލެޓް ނޫނީ ރޯހައުސް އަޅާދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް