"ވަންގަވް" އަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ވަންގަވް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާ ގާތުން އަދި ލާމަރުކަޒުކޮށް ދައުލަތް ހިންގުމުގައި މިއަދަކީ، އަނެއްކާވެސް ވަރަށް މުހިންމު ފިޔަވަޅެއް ކުރިއަށް އެޅޭ ދުވަހެއް ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ ގޮތަށް މިއަދު އިންޤިލާބީ ބަދަލެއް ގެނެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އިދާރީ ވިއުގައަކީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކަކާއި، އެހެން އިދާރާތަކާއި، ހުރިހާ ކައުންސިލްތަކެއް ހިމެނޭ ވަރަށްފުޅާ ވިއުގައެއް. އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަދަދު އެތައް ސަތޭއަކަށް އެބައަރާ. މިއަދު މި ތަޢާރުފްކުރާ "ވަންގަވް" އަކީ، ޑިޖިޓަލް ސަރުކާރެއްގެ ފެށުން. މި ސަރުކާރުގެ އެންމެ ޚާއްޞަ ސިފަޔަކީ، ދިވެހި ސަރުކާރުގެ ފަރާތުން އެ މީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް، އެ މީހަކު ހުރި ތަނަކުން އެ މީހެއްގެ އިނިގިލިކުރިއަށް ތިލަވެގެން އައުން. ރާއްޖެ ކަހަލަ ގިނަ އަތޮޅުތަކެއްގެ އަދި އެއަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ރާއްޖެއަކަށް ޑިޖިޓަލް ސަރުކާރެއްގެ މުހިންމުކަން ވަރަށްބޮޑު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަކަށް ބަލާއިރުވެސް، ޑިޖިޓަލް ސަރުކާރެއްގެ ބޭނުންތެރިކަން ދިވެހި ރައްޔިތުންނަށް މިހާރު ވަރަށްބޮޑު ކަމަށެވެ. އަދި ދިވެހިން އެދޭ އިޤްތިޞާދީ ކުރިއެރުމަށް ބަލާއިރުވެސް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައިވެސް ޑިޖިޓަލް ސަރުކާރެއް ދިވެހިންނަށް މިހާރު ކޮންމެހެން ބޭނުންވާ ކަމަށެވެ.
މި ޤާއިމުކުރާ ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލް ސަރުކާރުގައި ހިމެނޭ މުއައްސަސާތަކުގެ އެޕްލިކޭޝަން ފޯމުތައް މިހާރު ހުންނާނީ ފަސޭހައިން ޚިދުމަތްތަކަށް އެދެވޭނެގޮތަށް ބަދަލުކޮށްފައި ކަމަށެވެ.
އަދި ހޯދަން ބޭނުންވާ ޚިދުމަތްތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް، އެއް ތަނަކުން ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންގެ އެތައް ވަގުތެއް ސަލާމަތްކުރެވި، ޚިދުމަތް އަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ވަންގަވް"ގެ ސަޕޯޓް ސެންޓަރުތަކެއް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްވެފައި އެބަހުއްޓެވެ. އެއީ، މާލެއާއި އައްޑޫ އަދި ފުވައްމުލައް ސިޓީގައެވެ.
މި ވަގުތު މި ތިން ސިޓީގައި ސަޕޯޓް ސެންޓަރުތައް ހުރިނަމަަވެސް ކުރިމަގުގައި އިތުރު ސަޕޯޓް ސެންޓަރުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވިގެންދާނެއެވެ. މި ސެންޓަރުތަކުގެ މައިގަނޑު މަޤްޞަދަކީ، ޚިދުމަތްތަކާ ގުޅިގެން އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި، އެ އެހީތެރިކަން ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހައިން ފޯރުކޮށްދިނުމެވެ. އަދި ޑިޖިޓަލް ޓެކްނޯލޮޖީއާ ތަންކޮޅެއް ބީރައްޓެހި ރައްޔިތުންނަށްވެސް ޑިޖިޓަލް ސަރުކާރުގެ ޚިދުމަތްތަކަށް އެދެވޭނެ ފަސޭހަ ގޮތްތަކެއް މި ވަގުތަށް ހަމަޖައްސައިދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް