ޔާމީން ކުރެއްވީ އަނިޔާވެރި ވެރިކަމެއް: ރައީސް ޞާލިހު

މިދިޔަ ދައުރުގައި ރާއްޖޭގައި އޮތީ އަނިޔާވެރި ވެރިކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެށުމަށްޓަކައި...

10 Jul 2023 | 06:25

މިދިޔަ ދައުރުގައި ރާއްޖޭގައި އޮތީ އަނިޔާވެރި ވެރިކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެށުމަށްޓަކައި ށ. އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ކުރެއްވި ދަތުރުގައި ނޫމަރާ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ދައުރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި އެމްޑީޕީއިން ކުރި މަސައްކަތުގައި ނޫމަރާގެ ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށެވެ. އެގޮތުން ރައީސް ޞާލިހަށް ނޫމަރާއިން74 އިންސައްތަ ވޯޓު ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"2012 ވަނަ އަހަރުން ފެށިގެން2018 ވަނަ އަހަރާ އެދޭތެރޭގަ ސިޔާސީ ގޮތުން ރާއްޖޭގާ އޮތް ހަލަބޮލިކަން، އަނިޔާވެރިކަން އެއީ އަޅުގަނޑުމެން ކޮންމެ މީހެއް އަދިވެސް އެއްފަހަރު ވިސްނާލަން ޖެހޭ ކަމެއް. އެ އަނިޔާވެރިކަމާ އެ ބިރުވެރިކަމުން ސަލާމަތް ވުމަށްޓަކާ އެމްޑީޕީން ކުރި މަސައްކަތުގަ މި ނޫމަރާގެ ރައްޔިތުން އަބަދުވެސް ކުރީސަފުގާ ތިބޭ. ޖެހިލުމެއް ނެތި ރައްޔިތުން އެ ބޭނުންވާ ހައްގުތަކާ، މިނިވަންކަން ހޯދުމަށްޓަކާ އަބަދުވެސް މަސައްކަތް ކުރަމުން ގެންދެވި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިއަދު މި ދެކޭ ހަމަޖެހުމއިާ އަމާންކަމާއި، ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފުރުސަތު ފަހި ވުމަކީ ރައްޔިތުން ނުކުމެ ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަދި ބޭނުންވަނީ އެހެން ރަށްރަށެކޭ އެއްގޮތަށް ނޫމަރާގައިވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެއްދުވަހަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ވަނީ ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގަންނަވާފައެވެ. އަދި އެރަށްރަށަށް ވައުދުތައް ވެވަޑައިގަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް