މޯލްޑިވެސް ޑިމޮކްރެޓިކް ޕާތި (އެމްޑީޕީ) އިން ވަކިވެވަޑައިގަތީ ފިއްކަނޑައިގެންދާ ވަރުގެ ވައްކަމާއި ކޮރަޕްޝަންގެ ނެޓުވޯކަކަށް އެމްޑީޕީ ސަރުކާރު ބަދަލުވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިގޮތަށް ނަޝީދު ވިދާޅުވެފައިވަނީ ހައުސް އޮފް ދަ ޑިމޮކްރެޓްސް ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ މި ވެރިކަމުގައި ފެނިގެން ދިޔައީ ވައްކަމާއި ކޮރަޕްޝަނުގެ ބޮޑު ނެޓުވޯކެއް ސަރުކާރުގެ ތެރޭގައި އުފެދިގެން ދިޔަ މަންޒަރުކަމަށާއި، އެކަންކަން ހުއްޓުވާ ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުން ބަލަމުން ވެސް ނުދާކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި އަސްލު ސަބަބަކީ ވެސް އެމްޑީޕީ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްއިރު އެއިން އެއްވެސް މައްސަލައެއް ނުބަލާ، އެކަންކަމުގައި މުޅި ސަރުކާރު ޝަމިލުވާތީކަމަށެވެ.
"އަޅުގަނޑުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ދޫކޮށް ނިކުތީ ޕާޓީގެ ސިޔާސަތުތައް، ރައްޔިތުންނަށް ވައުދުވީ ވައުދުތައް ނުފުއްދާ މުޅިން އެހެން ކަންތައްތަކެއްގެ ތެރޭގައި ސަރުކާރު ޝާމިލުވަމުން ދިޔައިމަ. އެ ކަންތައްތައް ވެގެން ދިޔައީ ބިރުގަނެ ފިއްކަނޑައިގެންދާ ބާވަތުގެ ކަންކަމަށް. އެއީ ވައްކަމާއި ޚިޔާނާތުގެ ނެޓުވޯކަކަށް.. އަޅުގަނޑުމެނެއް ބޭނުމެއް ނޫން ޚިޔާނާތުގައި ޖެހޭކަށް. އަޅުގަނޑުމެނެއް ނޯންނާނެ ދައުލަތުގެ ލާރިން ލޯ ލާރިއެއްވެސް އިރާދަކުރެއްވިއްޔާ ނަގާފައެއް، އަދި ފައިސާ ފޮއްޗެއްގައި ވެސް ޖެހިފައެއް" ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބަލަން ޖެހޭކަމަށެވެ. ވަކިން ޚާއްސަކޮށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ތިބި ދަނޑިވަޅެއްގައި "ރައްޔިތުންގެ ނޭވާހޮޅިން" ކުރި ވައްކަން (ވެންޓިލޭޓަރު ކޮރަޕްޝަން) ބަލާ އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ ނުބެލިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ފެންމަތިވުމަކީ ގާތުގައިވާ ކަމެއް ކަމަށެވެ.
ދަ ޑިމޮކްރެޓްސްއާއި ގުޅި، އަންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްއަށް ވޯޓުދޭ މީހުންނަކީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ވޯޓުދޭ މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޑއެ ޕާޓީއިން ހުރިހާ އުސޫލުތަކާއި، އަސާސްތަކެއް ބިނާވެފައިވަނީ އާންމު ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ ފުދުންތެރިކޮށް ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކަމަށްވާއިރު، މި ޕާޓީއަށް ދޭ ކޮންމެ ވޯޓަކީ އެ މަގަށް ގައުމު ގެންދިއުމަށް ދޭ ވޯޓެއްކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ދަ ޑިމޮކްރެޓްސް އިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް