ބޮޑުއަގުގައި މާލެއިން ޝޯދޭން ގެންދާ ސްޓާރުންނަށްވުރެ ރީތިކޮށް ރަށްފުށު ކުދިން ނަށާ!

އެންމެ ފަހުން ފޯރިއާއެކު ޝޯތައް ދިނުމަށް މާލެއިން ރަށްރަށަށް ދިޔަ މަޝްހޫރު ހުރިހާ ޓީމެއްގެ ވީޑީއޯ ޓިކްޓޮކްގައި ދައުރުވިއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވުނީ، ބިދަބިން ބޮޑުބެރު ގުރޫޕާއެކު ދިޔަ މަރިޔަމް ޝ...

10 Jul 2023 | 04:47

އެންމެ ފަހުން ފޯރިއާއެކު ޝޯތައް ދިނުމަށް މާލެއިން ރަށްރަށަށް ދިޔަ މަޝްހޫރު ހުރިހާ ޓީމެއްގެ ވީޑީއޯ ޓިކްޓޮކްގައި ދައުރުވިއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވުނީ، ބިދަބިން ބޮޑުބެރު ގުރޫޕާއެކު ދިޔަ މަރިޔަމް ޝިފާ ފަދަ މަދު މީހަކު ރީތިކޮށް ސްޓެޕްތައް ނަގައި 'ފެންވަރު ރަނގަޅަށް' ހުށަހަޅައިދިން ނަމަވެސް މާލެއިން ދިޔަ ގިނަ ޓީމުތަކަށް، އެމީހުންގެ އަގާ އެއް ފެންވަރަށް ޕާފޯމް ނުކުރެވުމެވެ.

މާލެއިން ދިޔަ މަޝްހޫރު ޓީމުތަކުގެ ގޮތުގައި ފާހަގަވީ ޖާދުﷲ ގެ ނަށާ ޓީމާއި، ޔާރާ ޓީމާއި، ވާޝިޔާ ހިމެނޭ ޓީމަކާއި ކާއްޓޭގެ ޓީމެއްގެ އިތުރުން ގޮމަ ގްރޫޕެވެ. ދެން ދިޔައީ ބޮޑުބެރު ގްޕޫޕުތަކެވެ. ބޮޑުބެރު ބާއްވާށެވެ. ނެށުމަށް ބަލަމާ ހިނގާށެވެ.

'ބޮޑީ ޝޭމް' ކުރަނީއެއް ނޫނެވެ. ނަމަވެސް އެތްލީޓުންވެސް އެމީހުންގެ ފޯމުގައި ތިބުމަށް ގިނަ މަސައްކަތް ތަކެއް ކުރެއެވެ. ނަމަވެސް ނެށުންތެރިން އެފަދައިން އަމަލު ކުރާތީއެއް ނުފެނެއެވެ. ބައެއް ގްރޫޕުތަކުން ޕްރެކްޓިސް ކޮށްލާފައި ވަނީ ކުޑަ ދުވަސްކޮޅެއްގައެވެ. ނަތީޖާއަކީ ދެ ތަރިން އަރާ ނަށާ ލަވަޔަކުވެސް ސްޓެޕްތައް ހަނދާން ނެތުމެވެ. ނުވަތަ އެކަނި ނަށާ ލަވަޔަކަށްވެސް ސްޓެޕްތައް ތަކުރާރު ވުމެވެ. ޓިކްޓޮކްގައި އެ ވީޑީއޯތަކަށް ކޮމެންޓް ކޮށްފައިވާ ގިނަ މީހުންވެސް އެކަން ވަނީ ފާހަގަ ކޮށްފައެވެ.

ނެށުމުގެ ދާއިރާގައި އުޅޭ އަދި ފިލްމީ ދާއިރާގައިވެސް އުޅޭ ބައެއް ފަންނާނުންނަށް ސްޓެޕްތައް ޖައްސާލަން ދަތިވާކަން ލަވަތައް ބެލުމުން ސާފުކޮށް އެނގެއެވެ. ހަށިގަނޑު އަނބުރާލުމާއި ސްޓެޕް ގެންނަން އުޅެނީ ހަމަ ވަރަށް އުނދަގުލާއެވެ. ހުރިހާ ގުރޫޕެއްގެ ވީޑިއޯތައްވެސް ބަލާއިރު ހިތަށް އަރަނީ، މިއީ ހަމަ ބޮޑުއަގުގައި ގެންދާ ފަންނާނުންނަށް ވާންވާނެ ވަރު ބާވައެވެ!

އޭގެ އިތުރުން ނަށާ ގްރޫޕަކުން ހެދުން އެޅި ގޮތުން އެކަމަށ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުންވެސް އަމާޒުވިއެވެ. އަދި ނޫސްތަކުގެ ފަލަ ސުރުޚީއަށްވެސް އެ ވާހަކަތައް އެރިއެވެ.

އޭގެ ބަދަލުގައި ރަށްރަށުން ލަވަތައް ހުށަހަޅާއިދިން ޓީމުތަކުގެ ނެށުންތައް މާ ފަރިވެފައި ވަންތަކަން ހުރެއެވެ. ސްޓެޕްތައް ތަފާތުވެފައި ގިނައެވެ. އަގު ދީފައި ގެންދާ ޓީމުތަކަށްވުރެ މާ ބޮޑަށްވެސް ޗާލެވެ.

ރަށްރަަށުން ބޮޑު އަގުގައި ފިމްލީ ތަރިންނާއި ނެށުންތެރިން ގެންދާއިރު، މިކަންކަން ހަމަ ފާހަގަ ނުވަނީބާވައެވެ. ނުވަތަ ބަޖެޓް ގިނަބޮޑީ ބާވައެވެ. ކޮންމެއަކަސް މިބުނި ކަންކަން ޔަގީންކޮށްލަން ދެން އަންނަ އީދަކަށް މިކަމަށް ފާރަވެރި ވެގެން ބަލައި ދިރާސާ ކޮށްލަބަލާށެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް