ޢީދު ފާހަގަކުރަން ޝިފާ ގެންނަން އުޅުނުކަމެއް އެނގިފައެއް ނެތް: ހިތަދޫ ކައުންސިލް

ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ޝޯއެއް ދިނުމަށް ލ. ހިތަދުއަށް ޝިފާ ގެންނަން އުޅޭކަން އެނގިފައިނެތް ކަމަށާއި ރަސްމީ ސިފައެއްގައި ޢީދު ފާހަގަކުރަމުން އަންނަނީ ކައުންސިލްގެ ބެލުމުގެ ދ...

10 Jul 2022 | 17:11

ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ޝޯއެއް ދިނުމަށް ލ. ހިތަދުއަށް ޝިފާ ގެންނަން އުޅޭކަން އެނގިފައިނެތް ކަމަށާއި ރަސްމީ ސިފައެއްގައި ޢީދު ފާހަގަކުރަމުން އަންނަނީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމުގައި ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަމްއޫން ވިދާޅުވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޝަމްއޫން ވިދާޅުވީ އެފަދަ ވާހަކައެއް މިއަދު މީޑިއާގައި އޮއްވާ ފެނުނު ކަމަށާއި ނަމަވެސް ޝިފާ ގެންނަން ރަށުގެ ޢީދު ކޮމިޓީން ނިންމިކަން ރައީސަށް އެނގިފައި ނެތްކަމަށެވެ.

"ކައުންސިލްގެ ބެލުމުގެ ދަށުން އެކުލަވާލި ކޮމިޓީއަކުން ޢީދުގެ ކަންކަން ކުރިއަށްގެންދަނީ، ހަމަ ގައިމުވެސް އަޅުގަނޑަށް ނޭނގި ހިއެއް ނުވޭ އެފަދަ ކަމެއް ހިނގާފާނެހެނެއް" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީއަކުން ރަށުގައި ވަކިން ޢީދު ފާހަގަކުރުމަށް ހަރަކާތްތަކެއް ހިންގާކަމުގެ މައުލޫމާތެއް ލިބިފައިވާކަމަށާއި އެހެންނަމަވެސް އެ ފަރާތުންވެސް ޝިފާ ގެންނަކަމުގެ މައުލޫމާތެއް ކައުންސިލަށް އަދި ރައީސަށް ލިބިފައި ނެތް ކަމަށެވެ.

ހިތަދޫގައި ޝޯއެއް ދިނުމަށް ޝިފާ ހިތަދުއަށް ފުރާކަމަށް މިއަދު މީޑިއާގައި ރިޕޯޓް ކުރިއެވެ. އަދި އެއަށްފަހު އެ ޝޯ ކެންސަލް ކޮށްފިކަމަށްވެސް މީޑިއާގައި ރިޕޯޓްކޮށްފިއެވެ.

ޝޯއެއް ދިނުމަށް ޝިފާ ހިތަދުއަށް ދާ ވާހަކަ ފެންމަތިވެފައިވާއިރު ދިއްދޫގައި ކުރިއަށްގެންދިޔަ ޢީދު ޝޯއެއްގައި ޝިފާ ޕާފޯމް ކުރަން ފުރުސަތު ދިނުމުން އާންމުން އަންނަނީ އެކަމާ ވަރަށްބޮަޑަށް ފާޑުކިޔަމުންނެވެ.

މިކަމުގައި އާންމުން ފާޑުކިޔަމުން އަންނަނީ މި ފަހުން ޝިފާ، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެ އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ދަނޑިވަޅެއްގައި ޝިފާ އަށް އެ ރަށުން މަރުހަބާ ކިޔާ އެ ރަށު ޢީދު ޝޯގައި ޕާފޯމް ކުރުމަށް ފުރުސަތު ދިނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް