އީދު ބަންދު އޮޕަރޭޝަން: މާފުށިން މަސްތުވާތަކެތި ހިންމަފުށިން ބަނގުރާ ވިލިނގިލިން ބިޔަރު

މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. މާފުށި، ކ. ހިންމަފުށި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދ...

10 Jul 2022 | 15:16

މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. މާފުށި، ކ. ހިންމަފުށި އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަންތަކުގެ ތެރެއިން ހިންމަފުށީގައި ޖުލައި 9 ވަނަ ދުވަހުގެ ދަންވަރު ހިންގި އޮޕަރޭޝަނަކީ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

ގއ. ވިލިނގިލީގައި ޖުލައި 8 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީވެސް އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕރޭޝަނުގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ފެނިފައިވާކަމަށާއި ނަމަވެސް މި މައްސަލައާ ގުޅިގެންވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހު 7 ވަނަ ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް