މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި ޔޯގާ ހަރަކާތް އޮތް ދުވަހު އޭނާ ގަލޮޅު ދަނޑަށް ނުވެސް ވަަންނަކަމަށް ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ލެވެންޑާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްގެން އުޅެނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ފުލުހުންގެ ސަފު ފޫ އަޅުވާލުމަށްފަހު ޢާންމުގެ ބަޔަކު ވަނީ ދަނޑަށް ވަދެފައެވެ.
އެ ހަރަކާތާއި ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ޔޯގާ ހަމަނުޖެހުން ހިންގި ބައެއް ފަރާތްތަކަށް ޕީޕީއެމްގައި ބޭނުން ކުރާ ދިދަ އާއި ބައެއް ތަކެތި ދިން ކަމުގެ ތުހުމަތުގައެވެ.
މުހައްމަދު އިސްމާއީލް ބަންދުކޮށް ފުރަތަމަ ފަސް ދުވަހުގެ މުއްދަތެއް ޖެހުމަށް ފަހު މިހާރު ވަނީ 30 ދުވަސް އިތުރަށް ޖަހާފައެވެ.
އެ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
ޕީޕީއެމް އިން ބުނެފައިވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށާއި ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށް ވެސް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހައިތަނަށް 21 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ވެސް ފުލުހުން ވަނީ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް