ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ދެ ވަނަ ދުވަހުގެ މެޗްތައް ރޭވަންސް އެސް.ސީ އާއި އެން.ވައި.ޖީ އަދި އެޑް ޖަމްޢިއްޔާއިން ކާމިޔާބުކޮށް ތިން ޓީމުން ވެސް ކާމިޔާބުކަމާއެކު މުބާރާތް ފަށައިފިއެވެ.
ނިލަންދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ފުރަތަމަ މެޗްގައި ގްރޫޕް 3 ގައި ހިމެނޭ ޑީ އެންޑް ޑީ އާއި ވާދަކޮށް ރޭވަންސުން މެޗްކާމިބު ކުރީ ފަސޭހަ ކަމާއެކު 7 ލަނޑު 0 ލަނޑުންނެވެ. ފުރަތަމަ ހާފްގައި ހަމައެކަނި އިލްހާމް އަޙުމަދު ކާމިޔާބުކުރި ލަނޑު ފެނިގެން ދިޔަ ނަމަވެސް ދެ ވަނަ ހާފުގައި ރިފްޢަތު އަޙުމަދާއި މޫސާ ނަޢީމު ކާމިޔާބުކޮށްދިން ގޯލްތަކާއި އެކު އަޙުމަދު ޒާހިރު ވަނީ 4 ގޯލް ކާމިޔާބުކޮށްދީފައެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އަޙުމަދު ޒާހިރެވެ.
ރޭ ކުޅެވުނު ދެ ވަނަ މެޗްގައި ގްރޫޕް 1 ގައި ހިމެނޭ ނިލަންދޫ ޔަންގް ޖެނެރޭޝަނާއި ބިލެތްދޫ ކަނބުލޮ ބައްދަލުކުރި މެޗް ވާދަވެރި ކުޅުމަކަށްފަހު 5 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ނިލަންދޫ ޔަންގް ޖެނެރޭޝަންއެވެ. މިމެޗްގައި ޔަންގް ޖެނެރޭޝަނުން 3 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ކަނބުލޮއިން ވަނީ ފަހަތުންއަރާ 3 ލަނޑު ޖަހާ އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް ފަހު ވަގުތު އެން.ވައި.ޖީން އިތުރު ދެ ލަނޑުޖަހާ ނަތީޖާވަނީ އަނބުރާލާފައެވެ.
މިމެޗްގައި އެން.ވައި.ޖީގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޢަބްދުލް ޢަޒީޒު އިބްރާހިމްއާއި އަޙުމަދު ޝަނޫންއާއި ޢަބްދުލް ޖަލީލު ޢަބްދުއްރައްޒާޤު އަދި ދެ ގޯލް ކާމިޔާބުކޮށްދިން އަޙުމަދު ރިޒުވާނު އިސްމާޢީލްއެވެ. ކަނބުލޮގެ ގޯލްތައް ކާމިޔާބުކޮށް ދިނީ ޔަޒްދާން މުޙައްމަދާއި ރިމާން ޢަލީ އަދި އަރުޝަމް އަޙުމަދުއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެން.ވައި.ޖީގެ އަޙުމަދު ރިޒުވާނު އިސްމާޢީލްއެވެ.
ރޭގެ ފަހު މެޗްގައި މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް ގޮތުގައި ބެލެވޭ ގްރޫޕް 2 ގައި ހިމެނޭ ނިލަންދޫ އެސް.ޖީ.ސީ އާއި ދަރަނބޫދޫ އެޑް ޖަމްޢިއްޔާ ވާދަކުރި މެޗް ވެގެން ދިޔައީ މުބާރާތުގައި މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ މެޗަށެވެ. މެޗްގައި ކާމިޔާބުކުރި 3 ލަނޑު ވެސް ފުރަތަމަ ހާފްގައި ފެނިގެން ދިޔަ މިމެޗްގައި އެޑް ޖަމްޢިއްޔާއިންވަނީ ފުރަތަމަ ހާފުގައި ތަފާތު މޮޅުކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން ނުވަ ވަނަ މިނެޓްގައި މުޙައްމަދު ނަޞީރު އަދި 17 ވަނަ މިނެޓްގައި މުޢައްލިމު ޢުމަރު ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ނަތީޖާ ތަފާތު ކުރި ނަމަވެސް އެސް.ޖީ.ސީގެ ޢުބައިދު އިސްމާޢީލްވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ފަހުހާފަށް ނުކުމެ އެސް.ޖީ.ސީގެ މުޅި ޓީމު ކުރިއަށް ޖެހި ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރިނަމަވެސް މެޗް ނިމިގެން ދިޔައީ އިތުރު ލަނޑެއް އެއްވެސް ކާމިޔާބު ނުކުރެވިއެވެ.
މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ އެޑް ޖަމްޢިއްޔާގެ މުޢައްލިމް ޢުމަރެވެ.
މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ނިލަންދޫގެ ހަތް ޓީމަކާއި ދަރަނބޫދޫ ދެ ޓީމަކާއި މަގޫދޫ އަދި ބިލެތްދޫން ވަނީ އެއްޓީމު ބައިވެރިވެފައެވެ.
މުބާރާތުގައި ބައިވެރިވި 11 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ. ޢީދުވިލޭރޭ ފެށިގެން ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 15 ވަނަ ދުވަހު ހަވީރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް