ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ، ކުނޫޒު މިހާރު ބޭނުންކުރަނީ ބިޔަރު ރައްކާކުރާ ގުދަނެއްގެ ގޮތުގައި ކަމަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްޡަފާ ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް އޭނާއަށް ރައްދުދެއްވައިފިއެވެ.
މުސްޡަފާ ކުރެެއްވި ޓްވީޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ޖޭޕީ އޮފީސް ކުނޫޒު މިވަގުތު ބޭނުން ކުރަމުންދަނީ ބިޔަރު ރައްކާކުރާ ގުދަނެއްގެ ގޮތުގައެވެ. ނަމަވެސް އެކަން ޢަލީ ޞާލިޙް ދޮގުކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރެއްގެ މަގާމު ވެސް މިހާރު އަދާކުރައްވަމުން ގެންދަވާ ޢަލީ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ އޮފީހެއްގައި އަދި ޖަގަހައެއްގައި ވެސް މަސްތުވާތަކެތި ބޭނުންނުކުރާނެ ކަމަށެވެ. އަދި ޖޭޕީގެ ވެސް ލީޑަރު ޤާސިމް އިބްރާޙިމްގެ ވެސް މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތިވެގެން އަޑުފެތުރިފައި ނުވާ ކަމަށް ޢަލީ ވިދާޅުވިއެވެ. އަދި މީހަކު ކަހަނބު ފަތް އެކްސްޕޯޓްކުރެވޭނެ ކަމަށް ވިދާޅުވި ވިޔަސް ޖޭޕީގެ މެމްބަރުންނަކީ އެ ފަދަ ކަމެއްގެ ވާހަކަ ދައްކާނެ އަދި ހިތްވަރުދޭނެ ބައެއް ނޫން ކަމަށް ޢަލީ ވިދާޅުވިއެވެ.
އޭނާ ވަނީ ޒާތީ ވޮތުން ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ލީޑަރާ ގުޅުވައިގެން ދޮގު ވާހަކަތައް ނުދެއްކުމަށް ގޮވާލަައްވާފައެވެ.
އޭނާ އެ އިޝާރާތްކުރެއްވީ މީގެ 6 މަސް ކުރިން މުސްޡަފާ ދެއްކި ވާހަކައަކަށެވެ. އޭރު ރާއްޖެ އިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އެއާޕޯޓުން އަތުލައިގަތުމުން ކުރެއްވި ޓްވީޓެއްގައި މުސްޡަފާ ވިދާޅުވީ، ކަހަނބުފަތާއި މިޔަރު އުރަހަ ވެސް ބޭރުކުރެވެން ވާނެ ކަމަށެވެ.
މުސްޡަފާ ވިދާޅުވީ ހާޖަރާގޭ ލުތުފީ ގައުމުގައި ބޮޑު ބަޣާވާތެއް ހިންގީ ވެސް މިފަދަ ކަންކަމުގައި ކެތް ނުކުރެވިގެން ކަމަށެވެ. އޭނާ އިޝާރާތް އެކުރެއްވީ 1988 ނޮވެމްބަރ 03 ގައި ރާއްޖެ އަށް ހަމަލާ ދިނުމުގައި އިސްކޮށް ހުރި ބާޣީ ލުތުފީއަށެވެ. އެހަމަލާ ދިނުމުގެ 2 އަހަރެއްވަރު ކުރިން މިޔަރު އުރަހަތަކެއް ޤަވައިދާއި ހިލާފަށް ރާއްޖެ އިން ބޭރުކުރަން އުޅުނު މައްސަލައެއްގައި ލުތުފީ ގޭބަންދުކުރިއެވެ.
މުސްޡަފާ ވިދާޅުވީ ކަހަނބާއި މިޔަރަކީ ގުދުރަތުން އަހަރެމެންނަށް ލިބިފައިވާ މާތް ވަސީލަތެއް ކަމަށެވެ. "ކަހަނބު ފަތް ވެސް ބޭރު ކުރެވެން ވާނެ. މިޔަރުގެ އުރަހަ ވެސް ބޭރުކުރެވެން ވާނެ. ގުދުރަތުން އަހަރެމެންނަށް ލިބިފައިވާ މާތް ވަސީލަތްތައް އެއީ. އެމަނަލެއް ނުކުރެވޭނެ. ހާޖަރާ ލުތުފީ ގައުމުގައި ބޮޑު ބަޣާވާތެއް ހިންގީ ވެސް މިފަދަ ކަންކަމަށް ކެތްނުކުރެވިގެން." މުސްޡަފާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް