ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ ކޮޅު މުލިއާގޭ ކައިރީގައި ބޮމެއް ގެންގުޅޭ ކަމަށް ބުނެގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގަ މިހާރު ފުލުހުންގެ ހައްޔަރުގައި ހުރީ ބޮން އޮތް ކަމަށް ބުނި މީހާ ކަމަށް ވިދާޅުވި އެވެ.
އެ ދެމީހުން އިއްޔެ ހައްޔަރު ކުރީ މުލިއާގޭ ކައިރީގައި ދެމީހުން އުޅުނު އިރު ގެންގުޅުނު ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. ފުލުހުން ބުނީ އެހެން ބުނި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން އެހެން ބުނީ މަޖަލަކަށް ކަމަށް ބުންޏެވެ. މަޖަލަކަށް ބުނި ނަމަވެސް ރައީސް ދިރިއުޅުއްވާ ގެކޮޅާއި އެއާޕޯޓާއި އެނޫންވެސް ހައި ސެކިއުރިޓީ ސަރަހައްދުތަކުގައި މަޖަލަކަށްވެސް ގައުމީ ސަލާމަތައް ނުރައްކާވާނެ ޒާތުގެ ވާހަކައެއް ދެއްކުމަކީ ގާނޫނީ ކުށެކެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް