އައްޑޫ ހިތަދޫގައި ޖަމާޢަތުގައި ނަމާދު ކުރުމުކާއި ރެސްޓޯރެންޓު ތަކުގައި "ޑައިން އިން" ޙިދުމަތް ދެވޭގޮތަށް ހުއްދަ ދިނުމަށް ނިންމައިފިއެވެ.
އައްޑޫގައި ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައި ވަނީ އައްޑޫގައި ކޯވިޑް-19 ހާލަތައް ބަލާފައިކަމަށް އައްޑޫ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.
އައްޑޫގައި މިވަގުތު މޮނީޓަރިން ހާލަތުގައި އޮތީ ގުޅިފައިވާ އަވަށްތައް އެކަންޏެވެ.
ނަމަވެސް، މިއަވަށްތަކުގެ ކެފޭ ރެސްޓޯރެންޓުތަކުގައި ވެސް "ޑައިން އިން" ޙިދުމަތް ދިނުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00 ޖެހުމާއި ހަމައަށް ހުޅުވައިގެން "ޑައިން އިން" ޙިދުމަތް ދެވޭނެ ކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައި ވެއެވެ. އަދި 6:00 އިން ފެށިގެން ރޭގަނޑު 10:00 ޖެހުމާއި ހަމައަށް ޑެލިވަރީ ޙިދުމަތް ދެވޭނެއެވެ. މީގެ އިތުރުން ހެނދުނު 8:00 އިން ހަވީރު 6:00 އަށް ސެލޫންތައް ހުޅުވައިގެން ހިދުމަތް ދެވޭނެ އެވެ.
އައްޑޫގައި މިވަގުތު ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ ހިތަދޫގައި އެކަނިއެވެ. ނަމަވެސް މިހާރު ހިތަދޫގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުކޮށްގެން ޖަމާޢާތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވެއެވެ. މީގެ އިތުރުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ހަވީރު 3:00 އިން 6:00 އަށް ކުޅިވަރު މައިޒާންތަކުގައި ކުޅިވަރު ކުޅެވޭނެ އެވެ.
އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންއަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް