މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި ގަދަވަޔާއެކު ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެކެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ވަނީ މޫސުމަށް ސަމާލުވުމަށް އަންގާ ހއ.އަތޮޅުން ފެށިގެން މާލޭ ސިޓީއަށް އަދި އއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ޔެލޯ އެލަރޓް ނެރެފައިވާ ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައަރާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވީ، އިއްޔެއާއި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް ކަމަށާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ގޮތުން، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ހާފިޒް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ޢީދު ޗުއްޓީއާއެކު ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި އެމްއެންޑީއެފް އިން ވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް