އަލިގަދަ ތަރި ހޮވުމުގެ މުބާރާތުގެ ވާދަވެރި ފަސް ތަރިންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ހޮވުމުގެ ވާދަވެރި ޤުރްއާން މުބާރާތުގެ އެންމެ ވާދަވެރި 5 ތަރިންނާ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ފުލުހުންގެ އިސް އޮފިސަރުން ބައްދަލުކުރައްވައި އެވާދަވެރ...

10 Jul 2015 | 10:50

ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ހޮވުމުގެ ވާދަވެރި ޤުރްއާން މުބާރާތުގެ އެންމެ ވާދަވެރި 5 ތަރިންނާ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ފުލުހުންގެ އިސް އޮފިސަރުން ބައްދަލުކުރައްވައި އެވާދަވެރިންނަށް ހިތްވަރު ދެއްވައި ތަހުނިޔާ އަދާ ކުރައްވައިފިއެވެ.

މި މުބާރާތުގައި ވާދަކުރައްވާ އެންމެ ވާދަވެރި 5 ތަރިންނަށް ޚާއްޞަ ކޮށްގެން ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްޞަ ތަރާވީޙުގައި އެ 5 ތަރިންނާ ވަކިވަކިން ބައްދަލު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންނާ ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާ ފުލުހުންގެ ޢާއިލާތަކުގެ ނަމުގައި ތަހުނިޔާ އަދާކުރައްވައި އެ ވާދަވެރިންނަށް ހިތްވަރު ދެއްވާފައެވެ.

ރޭގެ ތަރާވީޙަށް އިސްކަންރުކޮށްޓަށް އެ 5 ބައިވެރިން އައުމުން އެބައިވެރިންނަށް ވަނީ ރަތްދޫލައި މަރުޙަބާ އެއް ދަންނަވައި ފުލުހުންގެ ފަރާތުން ޚާއްޞަ މާބޮނޑިއަކާ ޚާއްޞަ ހަދިޔާއެއް އަރުވާފައިވާކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތުދެއެވެ.

ރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ މަދަނީ ޖަމާޢަތްތަކާ ކައުންސިލްތަކާ ރަށްރަށުގެ ރައްޔިތުންގެ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް މި މުބާރާތަކީ ވަރަށް ޚާއްޞަ މުބާރާތެއް ކަމަށް ދެކިވަޑައި ގަންނަވާ ކަމަށާއި އަދި މިމުބާރާތް މިގޮތަށް ބާއްވަން ފެށުމުން ރާއްޖޭގައި ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތި ރާގުތަކުގައި ކިޔެވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުވެގެން ގޮސްފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ޕަބްލިކް ސާވިސަސް މީޑިއާ ގުޅިގެން ބާއްވާ މިމުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުރާލައި ވަރަށް ރަނގަޅަށް ތައްޔާރުވަމުން އަންނަކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވޭ މިފަދަ ކޮންމެ ކަމެއްގައިވެސް އަދި ވާދަވެރި ކޮންމެ މުބާރާތެއްގައިވެސް ފުލުހުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބިގެންދާނެ ކަމަށާއި އެކަމެއް ދިރުވައި އާލާކުރުމަށް ކޮށްދެވެން އޮތް ކޮންމެ މަސައްކަތެއް ކޮށްދިނުމަށް ފުލުހުން ފަސްނުޖެހޭނެ ކަމަށެވެ.

ރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މުބާރާތުގެ ޕްރޮޑިއުސަރު ވިދާޅުވީ ފުލުހުންގެ ނަމުގައި ފުލުހުންގެ އެންމެ އިސްވެރިން މި ވާދަވެރި 5 ތަރިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވުމަކީ މިފަދަ ކަންކަމުގައި ފުލުހުންގެ އިސްނެގުމާ ފުލުހުން މިކަންކަމަށް ދެމުންދާ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ 5 ތަރިންގެ ނަމުގައާއި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުގެ ނަމުގައި ޕްރޮގްރާމުގެ ޕްރޮޑިއުސަރު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު އަށާއި ފުލުހުންގެ އިސްވެރިންނާ ހުރިހާ ފުލުހުންނާ މުވައްޒަފުންނާ ފުލުހުންގެ ޢާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރޭގެ ޚާއްޞަ ތަރާވީޙުގައި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒިޔާދު ބާޤިރު އާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އަޙްމަދު ސަޢުދީ އާއި މުޙައްމަދު ޞާދިޤު އާއި ޙަސަން ޙަބީބުގެ އިތުރުން މުބާރާތުގެ ބައެއް ފަނޑިޔާރުންނާ ފުލުހުންގެ އެގްޒެކެޓިވް ޓީމުގެ މެމްބަރުންނާ އެހެނިހެން އޮފިސަރުންވެސް ބައިވެރި ވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ހޮވުމުގެ ވާދަވެރި ޤުރްއާން މުބާރާތަކީ ޕަބްލިކް ސަރވިސަސް މީޑިއާ އާއި އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ޓެލެވިޜަން މޯލްޑިވްސް އިން ބާއްވަމުންގެންދާ މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް