މުޅި މާހައުލުގެ އަޑު ހީވީ ކެނޑުނު ހެންނެވެ. މީހާ ވިއްސާއިގެން ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ހޮޅިދަނޑިއެއްގައެވެ. ލޯ މަތިން ފެންނަމުން ދިޔައީ އަވާ މެންދުރުގެ މަންޒަރުތަކެވެ. ލެއިން ތަތް ތެޅިފައި އޮތް އަފްޒަލް އެހީއަކަށް ގޮވުމަށް މަސައްކަތް ކުރިއެވެ. އެ ޕިކަޕު މަޑުވެސް ކޮށްނުލާ ބާރު ބާރަށް ގޮސް މަގުކޮޅުން އޮބާލީއެވެ. މުޅި ތަން މަޑުމަޑުން އަނދިރި ވިއެވެ. އަފްޒަލްގެ ހޭވެރިކަމެއް ނެތެވެ. އަފްޒަލްގެ އިންތިޒާރުގައި ސާރާ އިރު އިރުކޮޅާ ބޭރު ބަލާލައެވެ. ކެތް މަދުވެފައި ހުރި ސާރާ ހުރީ އަފްޒަލްގެ އިންތިޒާރުގައި އެ ގޭ ދޮރުމަތީގައި އިން ޖޯލިފަތީގައެވެ.
މަގުގެ ދެފަރާތް ބަލާލަ ބަލާލާ ސާރާ އިންދާ ސާމާ އައިސް ސާރާގެ ގައިގައި ޖަހާލިއެވެ. "ދޮންތަ ކާކު ހޯދަނީ ތި ތިވަރަށް" ސާމާ ސާރާއާއި ދިމާކޮށްލިއެވެ.
ސާރާ ލަދުން ހަލާކު ވިއެވެ. "ދެން..ސާމާ ދޭ އެތެރެއަށް" ސާރާ ބުންޏެވެ.
"ލަދުންތަ؟ އޯކޭ ...އޯކޭ... އޯލް ދަ ބެސްޓް" ސާމާ ހެމުން ގެއަށް ވަނެވެ.
އިރުކޮޅެއް ފަހުން ސާރާމެންގެ އަވަށްޓެރި ނާޒިމް ސައިކަލުގައި އައިސް ހުއްޓިލިއެވެ.
"ސާރާ... ކޮބާ މަންމަމެން؟" ނާޒިމް ސާރާ އާއި ސުވާލު ކޮށްލިއެވެ.
"އެތެރޭގަ ވީ...ނިދާފަ ކަންނޭނގެ" ސާރާ ޖަވާބުދިނެވެ.
"ދޭބަލަ ގޮވާލަން ... އެއްކަލަ މިގެއަށް އަންނަ ސޮރު އެކްސިޑެންޓް ވެގެން އެބަ ގެންދޭ" ނާޒިމް ބުންޏެވެ.
ސާރާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ހައިރާން ވެ ހުރެ ނާޒިމްއާއި ސުވާލު ކޮށްލިއެވެ.
"އަ...އަފްޒަލްތަ؟"
"ހޫމް...ވަރަށް ބޮޑަށް ޒަހަމް ވެފަ އޮތީ... މާލެ ކަންނޭނގެ ގެންދާނީ..މީހުންތައް އެބެއް އެއްވެފަ ސިއްހީ މަރުކަޒު ދޮށުގަ"
ސާރާ އަށް އަޑު އިވުނީ ސާރާ އެންމެ އަޑުއަހަން ބޭނުންވި ވާހަކައެއް ނޫނެވެ. މީހާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.
ބާރު ބާރަށް ގޭތެރެއަށް ވަދެ ހަފީޒާމެންގެ ކޮޓަރީގެ ދޮރުގައި ބާރު ބާރަށް ޓަކި ޖަހަން ފެށިއެވެ.
"މަންމާ...މައްމާ" ސާރާ ރޮމުން ބާރު ބާރަށް ގޮވަން ފެށިއެވެ.
ހަފީޒާ ލޯ ކަހަމުން ދޮރު ހުޅުވިއެވެ.
"ކިހިނެއް ވީ؟" ހަފީޒާ އަހާލިއެވެ.
"މަންމާ....އަފްޒަލް....އަފްޒަލް ގެންދަނީ" ސާރާ ހުރީ މާ ނޭވާ ލާ ލައެވެ.
"ދަރިފުޅު ހަމަޖެހިގެން ވާހަކަ ދައްކަބަ...ކިހިނެއް ވީތަ؟" ހަފީޒާ ސާރާގެ އަތުގައި ފިރުމާލަމުން ބުންޏެވެ.
އެވަގުތަށް ސާމާވެސް ކޮޓަރިން ނިކުމެގެން އައެވެ.
"ދޮންތަ ކިހިނެއް ވީ؟" ސާމާ އަހާލިއެވެ.
ސާރާއަށް މާ ނޭވާ ލެވޭ ވަރުން ހުރީ އަގައިން ބެހެއް ވެސް ނެރެން ނޭނގިފައެވެ.
ނާޒިމް އައިސް އެ ގޭ ތެރެއަށް ވަނެވެ.
"ހަފީޒާ...އެއްކަލަ އަފްޒަލް އެކްސިޑެންޓް ވެގެން ވަރަށް ބޮޑަށް ޒަހަމް ވެގެން އެބައުޅޭ" ނާޒިމް ދޮރު ކައިރީގައި މަޑުކޮށްލާފައި ބުންޏެވެ.
ސާރާ ބިރުން ތުރު ތުރު ލައެވެ. "ޔާރައްބީ! ހަމަ ތެދެއްތަ ތީ؟" ހަފީޒާ ހައިރާންވެ ހުރެ އަހާލިއެވެ.
"އާން...މީހުންތައް އެބެއް އެއްވެފަ ސިއްހީ މަރުކަޒު ދަށުގަ... މާލެ ގެންދަނީޔޭވެސް އެބަ ކިޔާ" ނާޒިމް ބުންޏެވެ.
"ދަރިފުޅާ...ހިނގަ ދާން އެ ދިމާލަށް އަވަހަށް ދާން... ބައްޕަ އަށް ގޮވަން މަންމަ މިދަނީ" ހަފީޒާ ބުންޏެވެ.
ސާރާ ހަފީޒާގެ އަތުގައި ހިފިއެވެ.
"ނުދާންނަން...ނުދެވޭނެ...މަންމާ މީ އަސްލެއް ނޫން ދޯ" ސާރާގެ ލޯ އޭރު ހުރީ ކަރުނައިން ފުރިފައެވެ.
"ނޫން އެހެން ހަނދާކަށް ނުވާނެ ދަރިފުޅާ... ދަރިފުޅު ބަލި ވީމަ އަފްޒަލް ވެސް ކިހާ ގާތް ކޮށް އުޅުނީ... އަފްޒަލް ބޭނުންވާނެ ދަރިފުޅު އެތާ ހުންނަން" ހަފީޒާ ސާރާއަށް ވިސްނާ ދޭން މަސައްކަތް ކުރިއެވެ.
"އަހަރެން އަނެއްކާވެސް ބޭނުމެއް ނޫނޭ އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ކުރިމަތީގަ މަރަށް ތެޅޭތަން ބަލާކަށް މަންމާ... އަހަންނަކަށް އެ މަންޒަރު ދެން ބަލާކަށް ނުކެރޭނެ... އަފްޒަލް އަހަންނަށް ދޮގު ހެދީ.... އަފްޒަލް ބުނި ދުވަހަކުވެސް ނުދާނަމޭ މަންމާ... އަހަރެން އަފްޒަލް އަށް ނަފްރަތު ކުރަން ...އަފްޒަލް ދޮގު ހެދީ މަންމާ" ސާރާ ރޮމުން ހަފީޒާ އާއި ވާހަކަ ދެއްކިއެވެ.
ސާމާ ގާތު ސާރާ ކައިރީގައި މަޑުކުރުމަށް ބުނެފައި ހަފީޒާ ދެމަފިރިން ދުވަމުން ސިއްހީ މަރުކަޒު ދޮށަށް ދިޔައެވެ. އޭރު އެތަނަށް އެއްވެފައި އޮތް މީހުންތަކުން ސިއްހީ މަރުކަޒުގެ ގޯތި ތެރެ އޮތީ ފުރިބާރުވެފައެވެ. އެ ސަރަހައްދުގައި ފުލުހުންގެ ޓީމެއް ވެސް ދިޔައީ ހަރަކާތްތެރި ވަމުންނެވެ.
ހަފީޒާ ގޮސް އަފްޒަލްގެ މަންމަ ޒާހިދާ ކައިރީގައި ހުއްޓިލިއެވެ.
"ޒާހިދާ ހިތްވަރު ކުރޭ...ދެރަ ގޮތެއް ނުވާނެ" ހަފީޒާ ބުންޏެވެ.
"މަގޭ ދަރި ވެންޓިލޭޓަރަށް ލަނީ... އަހަރެން ވަރަށް ބިރު ގަނޭ އެބަ... އެސޮރު ވަރަށް އުފަލުން ގޭން ނިކުމެގެން ދިޔައީވެސް....ހެޔޮ ނުވާނޭނުން އެހެން ހަދާކަށް..." ޒާހިދާ ރޮމުން ކިޔާދިނެވެ.
އޭރު ސާމާއާއި ސާރާ ތިބީ ގޭގެ ސިޓިން ރޫމު ތެރޭއެވެ. ސާރާ އިނީ ފޯނަށް ބަލާލަ ބަލާލައެވެ. ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ރޯންވެސް ވާހަކަދައްކަންވެސް ނޭނގިފައެވެ. އެމަންޒަރު ބަލަން ސާމާ އިނީ ސާރާގެ ހާލަތާއި މެދު ހަމްދަރުދީ ވެވި ވެވިއެވެ.
"ދޮންތާ... އާދެބަ އިށީންނަން...މަންމަ އަށް ގުޅާލަންތަ އަހަރެން ޚަބަރެއް ބަލާލަން" ސާމާ އަހާލިއެވެ.
"ނޫން...ނުގުޅާތި...ކަމެއް ވެއްޖާ މަންމަ ގުޅާނެ... އަފްޒަލް އޮތް ހާލު އެނގޭކަށް ބޭނުމެއް ނޫން... އަފްޒަލް ރަގަނޅުވާނެ "ސާރާ ބުންޏެވެ.
އަފްޒަލް އޮތް ހާލާއި މެދު ސާރާއަށް ސުވާލު އުފެދުނު ކަމުގައި ވިޔަސް އެ ހާލަތް ސިފަ ކުރަން ސާރާ ބޭނުމެއް ނުވެއެވެ. އެންމެ ލޯބިވާ މީހާ ގެއްލުމުގެ ހިތި ތަޖުރިބާއިން ސާރާގެ ހިތް ވަނީ މަރުވެފައެވެ. އެ ހިތަށް ކިރިޔާވެސް ދިރުމެއް ގެނެސްދިން އަފްޒަލްއަށް ކުޑަވެސް ދެރަގޮތެއް ވާކަށް ސާރާގެ ހިތެއް ނޭދެއެވެ.
ހަފީޒާ ހުރީ ޒާހިދާ ކައިރީގައި ޒާހިދާ ގައި ގައި ފިރުމާލަ ފިރުމާލައެވެ.
މިފަދަ ދަނޑިވަޅެއްގައި މަޔަކަށް ކޮށްލާނެ އަސަރު ހަފީޒާއަށް އެނގޭތީއެވެ.
އަފްޒަލް އަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން އަވަސް އަވަހަށް އުޅެއެވެ.
"ޒާހިދާ އާދެ މިތާ އިށީދެލަން... އަދި ނޭނގޭނުން ވާނެ އިރެއްވެސް" ހަފީޒާ ބުންޏެވެ.
ޒާހިދާ ގޮވައިގެން ގޮސް ގޮނޑީގައި ހަފީޒާ އިށީދެލިއެވެ.
އެވަގުތަށް ފުލުހުންގެ ތެރެއިން އިސް އޮފިސަރެއް އައިސް ހުއްޓުނެވެ.
"މީ އެންމެ ރަގަނޅު ދަނޑިވަޅު ނޫން ކަން އަޅުގަނޑަށް އެނގޭ... އެކަމު ޕިކަޕު ދުއްވަން އިން މީހާ މިހާރުވަނީ ހައްޔަރުކުރެވިފައި، މިހާ ތަނަށް ބެލި ބެލުމަށް ޕިކަޕު ދުއްވަން އިނީ ލައިސަމް އާދަމް ކަން އަޅުގަނޑުމެންނަށް ވަނީ އެނގިފަ... އެހެންވެ އަފްޒަލްގެ މަންމައާ އެވާހަކަ ހިއްސާ ކޮށްލަން" ފުލުސް މީހާ ބުންޏެވެ.
ހަފީޒާ އަށް ހައިރާން ވެ ހުރެ ޝަހާދަތް ކިޔުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 12 ޖޫން، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް